މިހާ ބޮޑަށް ވައިރަސް ފެތުރުނީ ޗައިނާގެ މަކަރުވެރިކަމުން: ޓްރަމްޕް
މިހާ ބޮޑަށް ވައިރަސް ފެތުރުނީ ޗައިނާގެ މަކަރުވެރިކަމުން: ޓްރަމްޕް

ވޮޝިންޓަން (ޖުލައި 5) - މުޅި ދުނިޔެ އަށް މިހާބޮޑަށް ކޮރޯނާވައިރަސް ފެތުރުނީ ޗައިނާގެ މަކަރުވެރިކަމާއި ހީލަތްތެރިކަން އަދި ކަންކަން ފޮރުވަން އުޅުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ 244 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރެލީއެއްގައި ޗައިނާ އަށް ބަހުގެ ހަމަލާ ދެއްވަމުން ޓްރަމްޕް ވިދާޅުވީ ޗައިނާގެ ފަރާތުން އައި ވައިރަހެއް ލައިގަތުމުގެ ކުރިން އެމެރިކާގެ އިގްތިސާދު އައީ ވަރަށް ވަރުގަދަވަމުން ކަމަށެވެ.

"ޗައިނާގެ މަކަރާއި ހީލަތާއި ކަންކަން ފޮރުވަން އުޅުމުން ކޮރޯނާވައިރަސް ދުނިޔެ އަށް މިހާބޮޑަށް ފެތުރިފައި މި ވަނީ. އެކަމުގެ ފުރިހަމަ ޒިންމާ ޗައިނާ އިން އުފުލަން ޖެހޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ވެކްސިންއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ އެ މަސައްކަތް ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށާއި ވެކްސިންތައް ވަނީ ޓެސްޓް ކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި އެކަމަށްޓަކައި ޓްރަމްޕް ވަނީ އެމެރިކާގެ ހުރިހާ ސައެންޓިސްޓުންނާއި ރިސާޗަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގައި މިހާތަނަށް 40 މިލިއަން މީހުން ވައިރަހަށް ޓެސްޓްކޮށްފައިވާ ކަމަށާއި އެހެން އެއްވެސް ގައުމެއްގައި ފެންނަ މިންވަރަށް އެމެރިކާގައި ނަތީޖާ ފެންނަނީ އެހެންވެ ކަމަށެވެ.

ކޮރޯނާވައިރަހަށް މުޅި ދުނިޔޭން މިހާތަނަށް ވަނީ 11,397,821 މީހުން ޕޮޒިޓިވްވެ 533,864 މީހުން މަރުވެފަ އެވެ. އެމެރިކާ އިން 2,935,993 މީހުން ޕޮޒިޓިވްވެ 132،318 މީހުން މަރުވެފައިވާ އިރު ޗައިނާ އިން ވަނީ 83,553 މީހުން ޕޮޒިޓިވްވެ 4،634 މީހުން މަރުވެފަ އެވެ.