ބެންގަލޫރުގެ 18 ހޮސްޕިޓަލަށް ގޮސްގެން ވެސް ނުދެއްކުނު، އެންމެ ފަހުން މަރު
ބެންގަލޫރުގެ 18 ހޮސްޕިޓަލަށް ގޮސްގެން ވެސް ނުދެއްކުނު، އެންމެ ފަހުން މަރު

ބެންގަލޫރު (ޖުލައި 5) - އިންޑިއާގެ ދެކުނުގެ ބެންގަލޫރުގެ 18 ހޮސްޕިޓަލަށް ދިއުމުން ވެސް ފަރުވާ ނުލިބުނު ކޮވިޑް-19 ގެ ބަލި މީހަކު މަރުވެއްޖެ އެވެ.

ބެންގަލޫރުގެ 18 ހޮސްޕިޓަލަށް ގޮސްގެން ވެސް ނުދެއްކުނު، އެންމެ ފަހުން މަރު
ބެންގަލޫރުގެ 18 ހޮސްޕިޓަލަށް ގޮސްގެން ވެސް ނުދެއްކުނު، އެންމެ ފަހުން މަރު

ބާވަރްލާލް ސުޖާނީ، 52، މަރުވީ އެއްވެސް ހޮސްޕިޓަލަކުން އޭނާ އަށް ފަރުވާ ނުދީ އުޅެނިކޮށެވެ. އޭނާގެ ކޮއްކޮ ދިނޭޝް ސުޖާނީ ބުނީ ބާވަރްލާލްގެ ކިބައިން ކޮރޯނާވައިރަހުގެ އަލާމާތްތައް ފެންނަން ފެށުމުން ސައިކަލުގައި ބޭބެ ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ގެއާ ތިން މޭލު ދުރުގައި ހުންނަ ބަގްވާން މަހާވީރް ހޮސްޕިޓަލަށް ކަމަށެވެ.

"އަހަރެން ބުނިން އޭނާގެ ވިންދު ދަށްވާ ވާހަކަ އާއި ނޭވާލާން އުނދަގޫވާ ވާހަކަ،" ދިނޭޝް ބުންޏެވެ. "ދެން އެ މީހުން އެތެރެއަށް ވައްދާ އެކްސް-ރޭއެއް ނެގުމަށް ފަހު، އިނގިރޭސި ބަހުން އެއްޗެހިތަކެއް ގަނޑެއްގައި ލިޔުމަށް ފަހު ބުނީ އެ ހޮސްޕިޓަލުން ދިއުމަށް."

ބާވަރްލާލް އަށް ފަރުވާ ދޭން ދެކޮޅު ހެދި ނުވަ ހޮސްޕިޓަލެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ވަނީ ނިންމައިފަ އެވެ.

ދިނޭޝް ބުނީ އެ ހޮސްޕިޓަލުގެ އެމްބިއުލެންސްގައި އެހެން ހޮސްޕިޓަލަކަށް ދިއުމުން ވެސް އެ ތަނުން ވެސް ފަރުވާ ދޭން ދެކޮޅު ހެދި ކަމަށެވެ. އެ ގޮތަށް އެތައް ހޮސްޕިޓަލަކުން ވަނީ ދިނޭޝްގެ ބޭބެ އަށް ފަރުވާ ދޭން ދެކޮޅު ހަދައިފަ އެވެ.

"ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތަކުން ވެސް ވަނީ ފަރުވާ ދޭން ދެކޮޅު ހަދާފައި. ހޮސްޕިޓަލުގެ ދޮރުން ވަންނަ ތަނުން ބޭރުކޮށްލަނީ،" ދިނޭޝް ބުންޏެވެ.

ބާވަރްލާލްގެ ހަގު ދަރިފުޅު ވިކްރަމް ބުނީ އެ އާއިލާ އިން 18 ހޮސްޕިޓަލަށް ބާވަރްލާލް ދައްކަން ދިޔަ ކަމަށެވެ.

ބެންގަލޫރު ހިމެނޭ ކަރްނާޓަކާ ސްޓޭޓުން މިހާރު ވަނީ ބާވަރްލާލް އަށް ފަރުވާ ދޭން ދެކޮޅު ހެދި ނުވަ ހޮސްޕިޓަލެއްގެ މައްސަލަ ބަލަން އަންގައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެއް ހޮސްޕިޓަލް ވެސް ހިމެނެ އެވެ.

"ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކަށް ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދޭން ދެކޮޅު ހަދައިގެން ނުވާނެ،" ސްޓޭޓުގެ ހެލްތު ކޮމިޝަނަރު ވިދާޅުވި އެވެ.

ބަގްވާން މަހާވީރް ހޮސްޕިޓަލުގެ ޑރ. ނިޝާންތު ހިރެމަތު ވިދާޅުވީ އެ ހޮސްޕިޓަލުގައި ކޮވިޑް-19 ގެ ބަލި މީހުންނަށް ޚާއްސަކޮށްފައި ވަނީ 45 އެނދު ކަމަށާއި ބާވަރްލާލް އެ ހޮސްޕިޓަލަށް ދިޔަ އިރު ހުރިހާ އެނދެއް ވެސް ފުރިފައިވާ ކަމަށެވެ. ބާވަރްލާލް އަށް އެ ހޮސްޕިޓަލުން ފަރުވާ ދޭން ދެކޮޅު ހެދި ވާހަކަ ޑރ. ހިރެމަތު ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ބާވަރްލާލް އަށް އޮކްސިޖަން އާއި ޕްރައިމަރީ ކެއާ ދިން ކަމަށެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލަކަށް ދިއުމަށް ލަފާ ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ލޮކްޑައުން އަށް މެއި ފަހު ފަހުކޮޅު ލުއިދޭން ފެށި ފަހުން ކަރްނާޓަކާގައި ވެސް ކޭސްތައް ވަނީ އިތުރުވާން ފަށައިފަ އެވެ. ޖޫން 8 ގައި އެ ސްޓޭޓުގައި ޕޮޒިޓިވް 308 މީހުން ތިބި އިރު އެ އަދަދު ޖުލައި 1 އާ ހަމައަށް އައި އިރު ވަނީ 1،272 އަށް އިތުރުވެފަ އެވެ. ސްޓޭޓުގެ އޮފިޝަލުން ވަނީ ހޮސްޕިޓަލްތަކުން ކޮވިޑް-19 ގެ ބަލި މީހުންނަށް އިތުރު އެނދު ހުސްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.