ވިޔަފާރިތަކަށް ހާއްސަ ވެބިނާއެއް ދިރާގުން ބާއްވައިފި
ވިޔަފާރިތަކަށް ހާއްސަ ވެބިނާއެއް ދިރާގުން ބާއްވައިފި

ވިޔަފާރިތަކަށް ހާއްސަކޮށް ދިރާގުން ވާޗުއަލް ސެމިނާ (ވެބިނާ) އެއް ބާއްވައިފި އެވެ.

ދިރާގުން ބުނީ މި ވެބިނާގައި 120 އަށް ވުރެ ގިނަ ލޯކަލް ވިޔަފާރިތަކުން ބައިވެރިވި ކަމަށެވެ. މި ސެމިނާގައި އާ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާއި ވިޔަފާރިތައް ހިންގުމުގައި "ނިއު ނޯމަލް" ހާލަތުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ދިރާގުން ވަނީ ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުންގެ ހާލަތަށް ފަހުގައި އާންމުންނަށް ހިދުމަތް ދިނުމުގައި އެ ކުންފުނީގެ ތަޖުރިބާތަކާއި ގެނައި ބަދަލުތަކުގެ ތަފްސީލުތައް ބައިވެރިންނާ ހިއްސާކޮށްފަ އެވެ. އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ބުރޫ އެރުމެއް ނެތި ހިދުމަތްތައް ދިނުމުގައި އަމަލުކުރަމުން އަންނަ ގޮތް ކިޔައިދީފައިވެ އެވެ. މިގޮތަށް ހިދުމަތްތައް ދިނުމުގައި ކަސްޓަމަރުންނާއި އާންމުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ދިރާގުގެ ތަޖުރިބާ ބައިވެރިންނަށް ކިޔައިދީފައިވެ އެވެ.

މި ވެބިނާގައި ދިރާގުން ވަނީ ވިޔަފާރިތަކާއި އޮފީސްތަކަށް މުއާމަލާތްތައް ހިންގުމަށް ހާއްސަކޮށް "ކްލައުޑް ކޮލަބްރޭޝަން ސުއިޓް" އެއް ވެސް ތައާރަފްކޮށްފަ އެވެ.

"އަލަށް ތައާރަފް ކުރި މި "ކްލައުޑް ކޮލަބްރޭޝަން ސުއިޓް" ގެ ދަށުން ޖިޑިޓަލް ޕްލެތްފޯމް މެދުވެރިކޮށް މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވާނެ،" ދިރާގު ޗީފް މާކެޓިން އޮފިސާ މަހްމޫދު ދަސަރް ވިދާޅުވި އެވެ.

މަހްމޫދުގެ އިތުރުން މި ވެބިނާގައި ދިރާގުގެ ޑައިރެކްޓާ އޮފް ކަސްޓަމާ ސާވިސަސް އެންޑް ސޭލްސް އަލީ ރިޔާޒާއި ޑައިރެކްޓާ، އިންޕޮމޭޝަން ސިސްޓަމްސް މުހައްމަދު އަބްދުލް ގާދިރާއި ޑައިރެކްޓާ ފޯ ކަސްޓަމާ ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ބައިވެރިވެފައިވެ އެވެ. ޕެނަލްގައި ހިމެނޭ ބޭފުޅުން ވަނީ ވިޔަފާރިތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ.

ކޮވިޑް-19 ގެ ތެރޭގައި ވެސް ދިރާގުން ވަނީ ކަސްޓަމަރުންނަށް، ހުއްޓުމެއް ނެތި ހިދުމަތްތައް ދިނުމުގައި އެކުންފުނީގެ ޑިޖިޓަލް ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކޮށްފަ އެވެ.