20 އޮކްޓޯބަރ 2016 - 22:31

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު، ވެރިކަން ކުރާ ޕީޕީއެމް އަށް މިރޭ ސޮއި ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އެ ޕާޓީއަށް އަށް ސޮއި ކުރެއްވި އިލްހާމް މިހާތަނަށް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. އޭނާއާ އެކު އޭނާގެ އަނބިކަނބަލުން ވެސް ޕީޕީއެމަށް ސޮއި ކުރެއްވި އެވެ.
ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އިރު، ޑީއާރްޕީގައި ހުންނެވި އިލްހާމް ވަނީ، ޕީޕީއެމް އުފެދުމާ އެކު އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް 2013ގެ އިންތިހާބުގައި ދަގެނތީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވައިގެންނެވެ.
އެއަށް ފަހު މިރޭ އަލުން ޕީޕީއެމަށް ގުޅިވަޑައިގަތުމަށް ފަހު، އިލްހާމް ވިދާޅުވީ އޭނާ އަލުން އެ ޕާޓީއާ ގުޅިވަޑައިގަތީ ގައުމީ ވާޖިބެއް އަދާ ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ރައީސް ޔާމީން މިރޭ ވިދާޅުވީ، މީގެ ކުރިން ޖުމްހޫރީ ޕާޓީގައި އިލްހާމް ހުންނެވި ކަމުގައި ވިޔަސް، އޭނާ އަބަދު ވެސް މަސައްކަތް ކުރެއްވީ ޕީޕީއެމްގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އިލްހާމަކީ އަބަދު ވެސް ރައީސް މައުމޫންގެ ފިކުރާ އެއްގޮތަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިލްހާމަކީ މީގެ ކުރިން ވެސް މަޖިލީހުގެ ތެރޭގައި ޕީޕީއެމްގެ ދިފާއުގައި އެންމެ ކުރީ ސަފުގައި ވަރަށް ވަރުގަދަ ޖިހާދެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ކުރިމަގުގައި ވެސް މަޖިލީހުގެ ތެރޭގައި ޕީޕީއެމް ދިފާއު ކުރެއްވުމުގައި އެންމެ ކުރީ ސަފުގައި އިލްހާމް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.