މިއީ ހުރިހާ ޕާޓީތައް އެކުގައި މަސައްކަތް ކުރަންވީ ވަގުތު: އެމްޔޫއޯ
މިއީ ހުރިހާ ޕާޓީތައް އެކުގައި މަސައްކަތް ކުރަންވީ ވަގުތު: އެމްޔޫއޯ

ހުރިހާ ޕާޓީތައް މި ވަގުތު އެކުގައި މަސައްކަތްކޮށްގެން އިންސާފު ހޯދަން މަސައްކަތްކޮށްފި ނަމަ ރައީސް އަބްދުﷲ ޔާމީންގެ "އަނިޔާވެރިކަމުން ސަލާމަތް ވާނެ" ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ރޭ ބުނެފި އެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކުރާ ގޮތް ގޯސްވެގެން އެކަމާ ހިތްޕުޅާ ނުވެގެން ރައީސް މައުމޫން ވެސް މިހާރު ވަރަށް ފާޅުގައި ގެންދަވަނީ އެ ވާހަކަ ދައްކަވަމުން ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ސަރުކާރުން ހިންގާ މައި ޕާޓީ ޕީޕީއެމް ޖުޑިޝަރީގެ ތެރެއިން "ފޭރި ގަންނަން" މަސައްކަތްކުރައްވަމުން ކަމަށެވެ.

ޝިފާޒު ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކެއް ހުރުމާ އެކު މައުމޫން ގެންދަވަނީ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކާ އެކު ވެސް ވާހަކަ ދައްކަވަމުން ކަމަށެވެ. އެހެންވެ ހުރިހާ ޕާޓީތައް އެކުވެގެން އެއް މިސްރާބަކަށް، އެއް އަމާޒަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް މިހާރު އެބަ އޮތް ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"މިއިން ކޮންމެ ކަމަކީ ގައުމަށްޓަކައި އަޅުގަނޑުމެން އެކީގައި ދައްކަން ޖެހޭ ވާހަކަތައް. އަޅުގަނޑުމެން އެންމެންނަށް އެއް ޑައިލޮގެއްގައި މި ވާހަކަ ދެއްކޭ ކަމަށް ވަންޏާމު އެންމެންނަށް އެއް ގްރައުންޑެއްގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބީ ހުރިހާ ފަރާތްތަކާ އެކީގައި މި ގައުމުގެ މަސްލަހަތުގައި އިސްކޮށް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް."

ޝިފާޒް ވިދާޅުވީ އެމްޔޫއޯގެ މައިގަނޑު މަގުސަދަކީ އިންތިގާލީ ސަރުކާރެއް ގާއިމުކުރުން ކަމަށާއި އެންމެން ގުޅިގެން މަސައްކަތް ކޮށްފި ނަމަ އެކަން ވެސް ކުރެވިދާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު އަދި އެމްއޯޔޫގެ ހިޔަނި ކެބިނެޓްގެ ޓޫރިޒަމް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރައީސް ޔާމީންގެ މަގަކީ އެކަނިވެރިކަމާއި ވަކިވެގަތުމުގެ މަގު ކަމަށެވެ.

"އެ މަގަކަށް ކާމިޔާބީއެއް ނެތް. ކާމިޔާބީ އޮތީ އެންމެން އެކުވެގެން މަސައްކަތްކޮށްގެން. ހަމަ ޔަގީނުން ވެސް އެމްޔޫއޯ އާ އެކު މަސައްކަތް ކުރަން ތިބި ކޮންމެ ސިޔާސީ ފަރާތަކަށް ވެސް، ހާއްސަކޮށް މި ސަރުކާރާ ދެކޮޅު ކޮންމެ ފަރާތަކީ ވެސް އަޅުގަނޑުމެންގެ އެކުވެރިއެއް،" އޭނާ ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ ދާން ބޭނުންވާ މަންޒިލަށް އެންމެން އެކުގައި ނޫނީ ނުދެވޭނެކަން މިހާރު ޔަގީންވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް މިހާރު އާދެވެނީ އެންމެން ގުޅިގެން އެއްބައިވެގެން ކަމަށް ވިދާޅުވި އެވެ.

އެމްޔޫއޯގައި ހިމެނޭ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ހިޔަނި ކެބިނެޓްގެ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ އެމްޔޫއޯ އިން އަބަދުވެސް ދައްކާ ވާހަކަ އަކީ ވަކިވަކި ޕާޓީތަކުގެ ސިޔާސީ ފިކުރު ހިމާޔަތް ކުރުމުގެ ބަދަލުގައި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގެ ވާހަކަ ކަމަށެވެ.

"މި މަސައްކަތުގައި ކުރިއަށް ދިއުމަށްޓަކައި ސިޔާސީ ގޮތުން ވިޔަސް އަދި އެހެނިހެން ގޮތްގޮތުން ވެސް ގުޅެން ޖެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެންގެ މަސައްކަތް ވަރުގަދަ ކުރެވެން އޮތް ހުރިހާ ގޮތަކާ އެކު އަޅުގަނޑުމެން ދާނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

އެ އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރު އާދަމް އާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނެޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގައި އިންސާފާއި ހަމަހަމަ ކަމާ އެކު ކަންކަން ނުހިނގާކަން ވެރިކަންކުރާ ޕާޓީގެ އެންމެ އިސް ފަރާތުން ވެސް މިހާރު ގަބޫލުކުރައްވާ ކަމަށާއި އެ ވާހަކަ ދައްކަވާ ކަމަށެވެ.

އެހެންވެ "ނުހައްގުން ޝަރީއަތްކޮށް" ހުކުމްކޮށްފައިވާ އެންމެހާ ސިޔާސީ ފަރާތްތަކުގެ ހައްގުގައި ޕީީޕީއެމުން ހާއްސަކޮށް ރައީސް މައުމޫން ވާހަކަ ދައްކަވަން މިއީ އެންމެ މުނާސިބު ވަގުތު ކަމަށް، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލަށް ލާފައިވާ މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބޭބެ އާޒިމް ވިދާޅުވި އެވެ.