05 ޖުލައި 2020 - 11:00

ދައުލަތުގެ އިދާރާތަކަށް އެއް ލައްކަ ރުފިޔާ އިން މަތީގެ މުއާމަލާތްތަކާއި 5،000 ޑޮލަރުން މަތީގެ ހުރިހާ މުއާމަލާތްތަކެއް އޮކްޓޫބަރު މަހުން ފެށިގެން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
މި ގޮތަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު 1 އިން ފެށިގެންނެވެ. ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ، ޗެކާއި ނަގުދު ފައިސާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދައުލަތުގެ ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ވެސް ބަދަލުތައް ގެންނަން ނިންމީ ކަމަށެވެ. މިގޮތުން އާންމު ވިޔަފާރިތަކުން ޓެކްސް އާއި ޑިއުޓީ އާއި ފީގެ ގޮތުގައި ވެސް 100،000ރ. ނުވަތަ 5،000 ޑޮލަރަށް ވުރެ ބޮޑެތި އަދަދުތައް ދައްކާ ނަމަ އޮކްޓޫބަރުން ފެށިގެން ބޭނުންކުރާނީ ޑިޖިޓަލް ވަސީލަތްތަކެވެ.
އެމްއެމްއޭ އިން ވަނީ ނަގުދު ފައިސާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފަ އެވެ. މިއީ މިގޮތަށް އަމަލުކުރާ ފުރަތަމަ ފިޔަވަހީގެ ދަށުން އަޅަން ނިންމި ފިޔަވަޅެކެވެ.
ރައްކާތެރިކާ އެކު ރިއަލް ޓައިމްގައި ފައިސާގެ މުއާމަލާތްތައް ހިންގުމަށްޓަކައި ނަގުދު ފައިސާ އަށް ބަރޯސާ ނުވެ، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފައިސާ ދެއްކޭނެ ގޮތް ތަނަވަސް ކޮށްދިނުމަށް އެމްއެމްއޭ އިން ވަނީ މަސައްކަތް ފަށައިފަ އެވެ.