ދިވެހި ދެވަނަ ދެމަފިރިން ކޮވިޑްގައި މަރުވެއްޖެ
ދިވެހި ދެވަނަ ދެމަފިރިން ކޮވިޑްގައި މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރޭ ދަންވަރު ދިވެއްސަކު މަރުވެއްޖެ އެވެ. އޭނާ އަކީ މީގެ ދެ ދުވަސް ކުރިން ހަމަ މި ބަލީގައި މަރުވި އުމުރުން 92 އަހަރުގެ މީހާގެ އަނބިމީހާ އެެވެ.

އުމުރުން 77 އަހަރުގެ އަންހެން މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ރޭ ދަންވަރު 1:52 ގައި ކަމަށް އެޗުޕީއޭ އިން ބުންޏެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 11 ވަނަ މީހާ އެވެ.

މީގެ ކުރިން ވެސް މި ބަލީގަައި ރާއްޖޭގައި ދެމަފިރިއަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް ފަސް ދިވެއްސަކު ވަނީ މަރުވެފަ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕިންސްގެ މީހެކެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ކޮވިޑް-19 ގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ. ރާއްޖެ އިން މިހާތަނަށް 2،435 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 2،030 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އިއްޔެ އެ ބައްޔަށް ޕޮޒިޓިވްވީ 19 ދިވެއްސަކާއި ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ އެކެއް އަދި ނޭޕާލްގެ އެކަކެވެ.