04 ޖުލައި 2020 - 23:06

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަކާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާ ތަރުޖަމާނަކަށް އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިރޭ ހަމަޖައްސައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ ތިން މަހު ހިންގި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) މި މަހުގެ 1 ން ފެށިގެން އުވާލައި، އެ ދުވަހުން ފެށިގެން އުފައްދާފައިވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ގެ ތަރުޖަމާނަކީ ޑރ. ނަޒްލާ ކަމަށެވެ.
މާޗު 7 ގައި ރާއްޖެ އިން ކޮވިޑް-19 ފެނި މިދިޔަ ހުރިހާ މަރުހަލާތަކުގައި އެ ބަލީގެ ކަންކަމާ ގުޅޭ މައުލޫމާތު ސަރުކާރުގެ ފަރާތުން ދެއްވަމުން ގެންދެވީ އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒެވެ. ނަމަވެސް އެންއީއޯސީ އުވައިލުމާ އެކު، އޭނާގެ އެ މަސްއޫލިއްޔަތު ވެސް ނިމުމަކަށް އައީ އެވެ.
ޑރ. ނަޒްލާ އަކީ، ރާއްޖެ އިން ކޮވިޑް-19 އަށް ތައްޔާރުވުމާ ހިސާބުން ފެށިގެން އެ ބައްޔާ ގުޅޭ ކަންކަމުގައި އަމަލީ ގޮތުން އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޚާއްސަކޮށް އެންއީއޯސީގެ މީޑިއާ ބްރީފިންތަކުގައި މުހިންމު މައުލޫމާތުތައް އޭނާ ގެންދެވީ އާންމުންނާ ހިއްސާ ކުރައްވަމުންނެވެ.
ކޮވިޑް-19 ގައި ޑރ. ނަޒްލާ ބޮޑަށް ޚާއްސަ ވެފައި ވަނީ އެ ބަލި ޖެހޭ މީހުންގެ ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ ކަންކަމުގަ އެވެ. އޭގެ އިތުރުން، އެ ބަލީގެ މައުލޫމާތު އެއްކުރުމާއި ރާއްޖޭގެ ހާލަތު ދިރާސާކޮށް، ތަޖުރިބާގެ އަލީގައި ކަންކަމުގެ ލަފާ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ދެއްވުމުގައި ޑރ. ނަޒްލާ އިސް ދައުރެއް މިހާތަނަށް އަދާކުރެއްވި އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް އެއްވަރެއްގައި މިހާރު ހިފެހެއްޓިފައިވާއިރު، ހާލަތަށް ރިއާޔަތްކޮށް، ކަންކަން ވަނީ ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ. "ނިއު ނޯމަލް" އަށް މިހާރު އަމަލު ކުރަން ފަށާފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިހާރު ކުރިއަށް ދަނީ އާންމު ހާލަތަކަށް ބަދަލުވުމުގެ މަރުހަލާ އެވެ. ނަމަވެސް މާލެ އިން އަދިވެސް ކޮވިޑް-19 ގެ ކޭސްތައް ކޮންމެވެސް ވަރަކަށް ފެންނާތީ، ކޮމިއުނިޓީ ސްޕްރެޑް އެއްކޮށް ހުއްޓުވައެއް ނުލެވެ އެވެ.