އިތުރު 25 މީހަކަށް ކޮވިޑް ޖެހި، 54 މީހަކު ރަނގަޅުވެއްޖެ
އިތުރު 25 މީހަކަށް ކޮވިޑް ޖެހި، 54 މީހަކު ރަނގަޅުވެއްޖެ

ރާއްޖެ އިން މިއަދު އިތުރު 25 މީހަކަށް ކޮވިޑް-19 ޖެހި، އިތުރު 54 މީހަކު ރަނގަޅުވެއްޖެ ކަމަށް އެޗުޕީއޭ އިން ބުނެގި އެވެ.

އެ އިދާރާ އިން ބުނީ މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށް އެ ބައްޔަށް ޕޮޒިޓިވްވީ 19 ދިވެއްސަކާއި ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ އެކެއް އަދި ނޭޕާލްގެ އެކަކު ކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ފަރުވާގައި ތިބީ 390 މީހެކެވެ.

ރާއްޖެ އިން މިހާތަނަށް 2،435 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 2،030 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. މިހާތަނަށް ކޮވިޑް-19 ގައި މަރުވީ 10 މީހެކެވެ.

މާޗު 7 ގައި ރާއްޖެ އިން ކޮވިޑް-19 ފެނުމާ އެކު، ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފަހު، ހާލަތަށް ރިއާޔަތްކޮށް، މިހާރު ވަނީ އެ ފިޔަވަޅުތައް ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ. އެގޮތުން، މާޗު 19 ގައި ބަންދުކުރި ސަރުކާރުގެ އޮފީސްތައް މާދަމާ އަލުން ރަސްމީކޮށް ހުޅުވާނެ އެވެ. މާލެ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސްކޫލުތަކެއްގެ ހުރިހާ ގްރޭޑެއްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކިޔަަވައިދެ އެވެ. މާލެ ސަރަހައްދުގައި އަދިވެސް ކޮވިޑް-19 އުޅޭތީ މިވަގުތު ކިޔަވައިދެނީ ގްރޭޑް 9 ން މަތީގެ ކްލާސްތަކަށަށެވެ.