ވާހަކަ ދައްކައިގެން އަދިވެސް މައްސަލަ ހައްލުކުރެވޭނެ: ރައީސް ޔާމީން
ވާހަކަ ދައްކައިގެން އަދިވެސް މައްސަލަ ހައްލުކުރެވޭނެ: ރައީސް ޔާމީން

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ތެރޭގައި މިހާރު އުފެދިފައިވާ ހަމަނުޖެހުން ހައްލު ކުރުމަށް ކޯޓަށް ދާކަށް ނުޖެހޭ ކަމަށާއި އެއީ މަޝްވަރާކޮށްގެން ހައްލު ކުރެވިދާނެ މައްސަލައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވާހަކަ ދައްކައިގެން އަދިވެސް މައްސަލަ ހައްލުކުރެވޭނެ: ރައީސް ޔާމީން
ވާހަކަ ދައްކައިގެން އަދިވެސް މައްސަލަ ހައްލުކުރެވޭނެ: ރައީސް ޔާމީން

ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޕީޕީއެމަށް ސޮއި ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕާޓީ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ ޕާޓީގެ ތެރެއިން ހައްލު ނުކުރެވޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެކަން ކުރުމުގެ ހިތްވަރު، ޕީޕީއެމްގެ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ވެސް ހުންނަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ދެން ވިދާޅުވީ، ކޯޓާ ހަމައަށް އެ މައްސަލަ ގެންދިޔައީ ޕާޓީގެ ހިންގުން ހުއްޓި، އެއްގޮތަކަށް ވެސް ކުރިއަށް ދާތަން ނުފެނުނީމާ، ކައުންސިލް މެމްބަރުން އެކަމާ ދޭތެރޭ މަޝްވަރާކޮށް، އެ ނޫންގޮތެއް އޮތްތޯ ބެލުމަށް ފަހު ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަމައަށް ޕީޕީއެމަށް އާދެވުނީ އެ ޕާޓީއަށް ރައްޔިތުން ކުރި އިތުބާރުގެ ސަަބަބުން ކަމަށެވެ. އެހެންވެ، ޕާޓީގެ އަސާސްތަކާ އެއްގޮތަށް އަމަލުކޮށްގެން، ނަމޫނާ ދެއްކުމަކީ ކޮންމެ ލީޑަރެއްގެ ވެސް މަސްއޫލިއްޔަތެއް ކަމަށެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން، ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާތީ އެކަމާ ހިތާމަކުރައްވާކަން އެ މަނިކުފާނު ފާޅުކުރެއްވި އެވެ.

"އަޅުގަނޑު ހުރިހާ މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ހިތް ނުތަނަވަސްކަމުން އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބިފައިވަނީ އަޅުގަނޑަށޭ. އެކަމަކު މިއީ ހައްލު ނުކުރެވޭނެ މައްސަލައެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ކައުންސިލްގެ މެމްބަރުންނާ އެކު ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް އެ މަނިކުފާނު، ރައީސް މައުމޫނާއެކު އިށީނދެ ވަޑައިނުގަތުމަކީ ދެ ފަރާތުގެ މަންދޫބުން ވާހަކަ ނުދެއްކެންވީ ސަބަބެއް ނޫން ކަމަށެވެ. މީގެ ކުރިން ވެސް ދައުލަތުގެ އެކިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ދެ ބޭފުޅުން ބައްދަލު ކުރެއްވި ކަމަށާއި އެކަމަކު އެ ބައްދަލުުވުންތައް މެދުކެނޑިގެން ދިޔަ ސަބަބުތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެއީ އަޅުގަނޑު ދައްކަން ބޭނުންވާ އަދި ދައްކަން ފަސޭހަ ވާހަކަތަކެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގައި ނިކުންނަ ނުބައި ނަތީޖާއެއްގެ ޒިންމާ ނަގަން ޖެހޭނީ އެ މަނިކުފާނު ކަމަށާއި އެހެންވެ، އެ މަގާމު އަދާކުރާއިރު ޕާޓީގެ ހުރިހާ ގުނަވަންތަކެއްގެ އެހީތެރިކަން ދޭން ޖެހޭނެ ކަމަށެވެ.

ރައީސް މައުމޫންގެ ފެކްޝަނުން، އިދިކޮޅު އެމްޑީޕީއާ ގުޅުން ބަދަހިކުރާކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕާޓީ ބައިބައި ވެގެން ދިޔުމަކީ އެމްޑީޕީއަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ކަމަށެވެ.

އަދި ޕީޕީއެމްއަކީ އެމްޑީޕީގެ ސިޔާސަތާއި ފިކުރާއި އައިޑޮލޮޖީއާ ދެކޮޅަށް އިހުތިޖާޖް ކުރާ ޕާޓީއެއް ކަމަށާއި އެހެންވެ، އެ ޕާޓީއާ ގުޅިގެން އެއްވެސް ކަމެއް ކުރާތަން ބަލަން ގަބޫލު ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު މިހާރު އެތަން ވެސް ފެނިގެން ހިނގައްޖެ ކަމަށާއި އެމްޑީޕީއާއެކު އެއްވެސް މަރުހަލާއެއްގައި އެއްވެސް ޕްލެޓް ފޯމަކަށް ޕީޕީއެމަށް އެރޭނެ ކަމަކަށް އެ މަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެހެންނެއް ނޫން، ކީރިތި ރަސޫލާގެ އީދު މީލާދީ ފާހަގަ ކުރާ ޖަލްސާއެއްގައި އަޅުގަނޑުމެން ވެސް ތިބެދާނެ. އެކަމަކު ސިޔާސީ ވާހަކަ ދައްކާކަށް، ހަމަޖެހުން ގެންނާކަށް، ގައުމު އިސްލާހު ކުރަން އެ ޕާޓީއާއެކު ވާހަކަ ދައްކާކަށް ފަސޭހައެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު މިހާރު އެކަންތައްތައް އެބަ ފެނިގެންދޭ،"