01 ޖޫން 2016 - 13:25

އެލްނީނޯގެ ސަބަބުން ރާއްޖޭގެ ފަރުތަކުގެ ގިނަ މުރަކަ ހުދުވެފައިވާ ކަމަށް، ބޭރުގެ ބައެއް މާހިރުން ބުނި ނަމަވެސް އެ ވަރަށް ފަރުތަކަށް ގެއްލުން ނުލިބޭ ކަމަށް މެރިން ރިސާޗު ސެންޓަރުން ބުނެފި އެވެ.

ދި އޯޝަން އެޖެންސީއާ ހަވާލާދީ އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ފަރުތަކުން އެ މީހުންނަށް ފެނުނު މަންޒަރު ވަރަށް ބިރުވެރި އެވެ. އެ މީހުން ބުނާ ގޮތުން ރާއްޖޭގެ ފަރުތަކުގެ ގިނަ މުރަކަތައް ވަނީ އެއްކޮށްހެން ހުދުވެފަ އެވެ.

އެކަމަކު މި ވާހަކަތަކަކަށް މެރިން ރިސާޗު ސެންޓަރުން އެއްބަހެއް ނުވެ އެވެ.
އެ ތަނުގެ ޑިރެކްޓާ ޖެނެރަލް ޑރ. މުހައްމަދު ޝިހާމް ވިދާޅުވީ އެލްނީނޯގެ ސަބަބުން، ގާ ހުދުވުމުގެ މައްސަލަ މި އަހަރު ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށް ހީކުރި ނަމަވެސް، އޭގެ އަސަރު ރާއްޖޭގެ ފަރުތަކަށް މާބޮޑަށް ނުކުރާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލު އެނގޭނީ، އެ ސެންޓަރާއި ރިސޯޓުތަކުގެ ބައެއް ޓީމުތައް ރާއްޖޭގެ ފަރުތަކަށް ފީނައި ހޯދި މައުލޫމާތުތައް ދިރާސާ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެ ޓީމުތަކަށް ފެނުނު މަންޒަރަށް ބަލާއިރު ގާތްގަނޑަކަށް 40-60 ޕަސެންޓް ހުދުވެފައި ވަނީ. މިއީ އެ މީހުން (ބޭރުގެ ޓީމުތައް) ބުނާ ވަރެއް ނޫން،" ޝިހާމް ވިދާޅުވި އެވެ.
ގާ ހުދުވުމުގެ މައްސަލަ ރާއްޖެ އަށް އެންމެ ބޮޑަށް ކުރިމަތިވީ 1998 ވަނަ އަހަރު އެވެ. އެ ފަހަރު ފަރުތަކުގެ 90 ޕަސެންޓް ހުދުވި އެވެ.
އޭގެ ފަހުން ރާއްޖޭގެ ފަރުތަކުގެ މުރަކަތައް ހުދުވާ މިންވަރު ބެލުމަށް އެކި އަތޮޅުތަކުގައި މޮނީޓާ ސައިޓުތައް ވަނީ ގާއިމުކޮށްފަ އެވެ.
ޝިހާމް ވިދާޅުވީ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ފަރުތަކުގެ މަތީ ފަށަލައިގައި ހުންނަ ހަތާ މުރަކަ އާއި އިނގިލި މުރަކަ އަށް ކަމަށެވެ. މިއީ ވަރަށް އަވަހަށް ހެދޭ މުރަކަ އެކެވެ.
ރާއްޖޭގެ ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ބުނެ ބޭރުގެ ގިނަ ބަޔަކު ވާހަކަތައް ފަތުރަމުންދާ ކަމަށާއި ގިނަ ބައެއްގެ ލޯ ރާއްޖޭގެ ފަރުތަކަށް އަމާޒުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާ ހުދުވުމުގެ ސަބަބުން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެފައިވާ ކަމަށް އެ ގައުމުގެ ސައިންސްވެރިން ވަނީ ބުނެފަ އެވެ.
ހަލާކުވެފައިވާ މުރަކަތަކަށް އަލުން ދިރުން އަންނަން 10 ވަރަކަށް އަހަރު ނަގާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.