ގައުމުތަކުން ހޭއަރާ! ޑޭޓާ ދޮގެއް ނުކުރެވޭނެ: ޑަބްލިއުއެޗްއޯ
ގައުމުތަކުން ހޭއަރާ! ޑޭޓާ ދޮގެއް ނުކުރެވޭނެ: ޑަބްލިއުއެޗްއޯ

ޖެނީވާ (ޖުލައި 4) - ކޮރޯނާވައިރަސް މިހާރު ފެތުރެމުންދާ ރޭޓާ މެދު ގައުމުތަކުން އިތުރަށް ހޭލަން ޖެހޭ ކަމަށާއި ވައިރަސް ފެތުރޭ ގޮތުގެ ޑޭޓާ އަކީ ދޮގު ކުރެވެން ނެތް އެއްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

"މީހުން އިތުރަށް ހޭލަން ޖެހޭ. ޑޭޓާ ދޮގެއް ނުކުރެވޭނެ. ހާލަތު ބަޔާންކޮށްދެނީ ހަގީގަތް" ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވި އެވެ.

ޖޭނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޔަން ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ވައިރަހުގެ އަސަރު ނުކުރާ ގައުމެއް މިހާރު ދުނިޔޭގައި ނެތް ކަމަށެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 11,197,173 އަށް އަރައިފަ އެވެ. ބަލީގައި 529,197 މީހުން މަރުވިއިރު 6,342,849 މީހުން ވަނީ ރަނގަޅުވެފަ އެވެ. އެންމެ ބާރަށް ބަލި ފެތުރެނީ އެމެރިކާ ކޮންޓިނެންޓުގަ އެވެ. އެމެރިކާ އިން އެކަނިވެސް ވަނީ 2,890,588 މީހުން ޕޮޒިޓިވްވެ 132,101 މީހުން މަރުވެފަ އެވެ. ބްރެޒިލުން 1,543,341 މީހުން ޕޮޒިޓިވްވެ 63,254 މީހުން ވަނީ މަރުވެފަ އެވެ.

"ގައުމުތައް ހުޅުވާލުމުގައި އިގްތިސާދީ ސަބަބެއް ދެއްކިދާނެ. އެކަމަކު އަސްލު މައްސަލައިގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ. މައްސަލަ ޖާދޫއެއް ފަދައިން ގެއްލިގެން ނުދާނެ،" ރަޔަން ވިދާޅުވި އެވެ.

ރަޔަން ވިދާޅުވީ މުޅި ގައުމު އެކީ ލޮކްޑައުން އުވާނުލި ނަމަވެސް ބަލި ފެތުރޭލެއް މަދު ސަރަހައްދުތަކަށް ލުއި ދެވިދާނެ ކަމަށެވެ.

"ކޭސްލޯޑަށް ނުތަކާ ވަރަށް ހުޅުވާލައިފި ނަމަ ދެން ފެނިގެންދާނީ އެންމެ ގޯސް ހާލަތު،" އޭނާ އިންޒާރު ދެއްވި އެވެ. "ސިއްހީ ނިޒާމަށް އޮބިނޯންނަވަރު ވެއްޖެ ނަމަ މަރުވާ މީހުންގެ އަދަދު އިތުރުވާނެ."