ޔޫރަޕްގެ އަށް ކްލަބަކުން ރޮޑްރިގޭޒަށް ފާރަލަނީ
ޔޫރަޕްގެ އަށް ކްލަބަކުން ރޮޑްރިގޭޒަށް ފާރަލަނީ

ލަންޑަން (އޮކްޓޯބަރު 21) - ވޮލްފްސްބާގަށް ކުޅެމުން އަންނަ ސްވިޒަލެންޑްގެ ވާތު ބެކް ރިކާޑޯ ރޮޑްރިގޭޒަށް ޔޫރަޕްގެ އަށް ކްލަބަކުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފާއިތުވި އަހަރުތަކުގައި ސްވިޒަލެންޑާއި ވޮލްފްސްބާގަށް މޮޅު ކުޅުމެއް ދެއްކި ރޮޑްރިގޭޒް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކްލަބްތަކަކީ އިނގިރޭސި ޕްރިިމިއާ ލީގުގެ މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް، އިޓަލީގެ އިންޓަ އާއި ރޯމާ އަދި ސްޕެއިނުގެ ސެވިއްޔާ އާއި އެތުލެޓިކޯ މެޑްރިޑެވެ.

އުމުރުން 24 އަހަރުގެ ރޮޑްރިގޭޒް ވަނީ އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ވޮލްފްސްބާގުން ބުނީ ރޮޑްރިގޭޒް ކްލަބް ބަދަލުކުރަން ބޭނުންނަމަ އޭނާ އަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

މި ސީޒަން ފެށުމުގެ ކުރިން ޗެލްސީން ވަނީ ރޮޑްރިގޭޒްއާ މަޝްވަރާކޮށްފަ އެވެ. އެ ފަހަރު ޗެލްސީން ރޮޑްރިގޭޒަށް ހުށަހެޅީ 13 މިިިލިއަން ޕައުންޑެވެ. އެ އަގަށް އޭނާ ވިއްކަން ވޮލްފްސްބާގުން އެއްބަހެއްނުވި އެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑުން ވެސް ރޮޑްރިގޭޒް ގެންނަން މަސައްކަތްކުރި އެވެ. އެ ފަހަރު ކުޅުމުގެ ފުރުސަތު ނުލިބޭނެތީ ރެއާލަށް ބަދަލުވާން ރޮޑްރިގޭޒް ބޭނުމެއް ނުވި އެވެ.