04 ޖުލައި 2020 - 12:20

ލިޒްބަން (ޖުލައި 4) - އިންގްލެންޑަށް ދަތުރުކުރާ ގައުމުތަކުގެ މީހުންގެ ތެރޭން 14 ދުވަހަށް ކަރަންޓީނު ކުރާ ގައުމުތަކުގެ ލިސްޓުގައި ޕޯޗުގަލް ހިމެނުމުން އެ ގައުމުގެ ފޮރިން މިނިސްޓަރު އޮގަސްޓޯ ސަންތޯސް ސިލްވާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ 14 ދުވަހަށް ކަރަންޓީނު ކުރަނީ ވައިރަސް ކޮންޓްރޯލް ނުކުރެވޭ ގައުމުތަކުގެ މީހުން ކަމަށެވެ.
ޖުލައި 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ލިސްޓުގައި 59 ގައުމެއް ވަނީ ހިމަނައިފަ އެވެ. އެ ގައުމުތަކުގެ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބޭކަށް ނުޖެހޭނެ އެވެ. ލިސްޓުގައި ނަން ނެތް ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި އެމެރިކާ، ޗައިނާ އަދި ސްވިޑަން ހިމެނެ އެވެ. ލިސްޓުގައި ހިމެނި ގައުމުތަކުގެ ތެރޭގައި ތުރުކީ، ސައިޕްރަސް، އޮސްޓްރޭލިއާ، ބާބޮޑަސް، ހޮން ކޮންގް، ޖަޕާން، ނިއު ޒީލެންޑް އަދި ވިއެޓްނާމް ހިމެނެ އެވެ. އިނގިރޭސި ފޮރިން އޮފީހުން ބުނެފައި ވަނީ ލިސްޓް މިއަދުގެ ވަގުތެއްގައި އަޕްޑޭޓް ކުރާނެ ކަމަށެވެ.
ބީބީސީ ރޭޑީއޯއާ ވާހަކަ ދައްކަވަމުން ސަންތޯސް ސިލްވާ ވިދާޅުވީ އިނގިރޭސި ވިލާތުން ކަންތައްކުރި ގޮތުން ވަރަށް ބޮޑަށް މާޔޫސް ވެއްޖެ ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ އެއީ އެއްވެސް އަސްލެއް ނެތް، ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށް. ޕޯޗުގަލް އަށް ވުރެ ޔޫކޭގައި ކޮރޯނާވައިރަސްގެ ކޭސްތައް ހަތް ގުނަ އިތުރު. އެހެންވެ މިއީ ރަހުމަތްތެރި އަދި ގާތް ގައުމަކާ މެދު ކަންތައް ކުރަންވީ ގޮތެއް ނޫން،" ސަންތޯސް ސިލްވާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ ނިންމުމަށް ރައްދު ދެއްވައި ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއޯ ކޮސްޓާ ކުރެއްވި ޓްވީޓެއްފައި ވިދާޅުވީ "ޕޯޗުގަލްގެ އެންމެ ހިތްގައިމު ރިސޯޓްތަކަށް އިނގިރޭސިން ޒިޔާރަތްކޮށް ރައްކާތެރި ޗުއްޓީއެއް ހޭދަކުރަން މަރުހަބާ ކިޔާ" ކަމަށެވެ.
އިންގްލެންޑާއި ނޮދަން އައިލެންޑަށް ދަތުރުކުރާ މީހުން ކަރަންޓީން ކުރި ނަމަވެސް ސްކޮޑްލެންޑާއި ވޭލްސް އިން އަޅާ ފިޔަވަޅުތައް އަދި އާއްމެއް ނުކުރެ އެވެ.