04 ޖުލައި 2020 - 11:12

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އައިސީޔޫއިން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ހޮސްޕިޓަލުން ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އައިސީޔޫގައި ކެންސަރަށް ފަރުވާ ދެނިކޮށް މަރުވި އިންޑޮނޭޝިއާގެ އުމުރުން 39 އަހަރުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އައިސީޔޫގައި އޭރު ތިބި ހުރިހާ ބަލި މީހުންގެ ތެރެއިން އިން އެހެން ވޯޑަކަށް ބަދަލުކުރި މީހަކު ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ. އެ އެންމެންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ދެ މީހަކު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ގިނަ ބަޔަކު ޓެސްޓުކޮށް ނިމިފައިވާއިރު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ހަތަރު މުވައްޒަފުން ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.
"މިހާތަނަށް ޓެސްޓު ކުރި އެހެން މުވައްޒަފުން ވަނީ ނެގެޓިވްވެފައި. މި ބައްޔަށް ޕޮޒިޓިވް ވި ޕޭޝަންޓުން މިހާރު ޑީއެޗް 11 އަށް ބަދަލުކުރެވިފައިވާއިރު މި ފަރާތްތަކުގެ ހާލު ރަނގަޅު. އަދި މުވައްޒަފުންގެ
ހާލު ވެސް ރަނގަޅު،" ބަޔާނުގައިވެ އެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި، އައިސީޔޫގައި މި ވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވް ޕޭޝަންޓެއް އަދި މުވައްޒަފެއް ވެސް ނެތެވެ. ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އިތުރަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިވަގުތަށް އިތުރު ބަލިމީހުން އައިސީޔޫ އަށް ވެއްދުން މަޑުޖައްސާލައިފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. އައިސީޔޫ އިން ދޭންޖެހޭ ފަރުވާ ދެވޭނެ ގޮތް ހޮސްޕިޓަލުގެ އެހެން ތަނެއްގައި ވަނީ ހަމަޖައްސާފައި ކަމަށް ވެސް ބުންޏެވެ.
"ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ޕޭޝަންޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ހުރިހާ ޕޭޝަންޓުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައި. ނަމަވެސް ޕޭޝަންޓެއްގެ ފުރާނަ ސަލާމަތް ކުރަންޖެހޭ ފަދަ ނުވަތަ އެނޫން ވެސް ބޮޑު އެމާޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޮވިޑް-19 ގެ ނަތީޖާ ލިބެންދެން މަޑުނުކޮށް، ދޭންޖެހޭ ފަރުވާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާ އެކު ދޭނެކަމުގެ ޔަގީންކަން އަރުވަން،" ހޮސްޕިޓަލުން ބުންޏެވެ.
ހޮސްޕިޓަލުން ބުނީ ބަލިމީހަކު އެޑްމިޓް ކުރާއިރު އަދި އެޑްމިޓް ކުރުމަށް ފަހު ވެސް އެކި މަރުހަލާތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރި ނަމަވެސް، މާލެ ތެރޭގައި އަދިވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުންނާއި ހޮސްޕިޓަލް ތެރެއަށް އެހީތެރިންނާއި އެހެނިހެން މީހުން ވެސް ކޮންމެ ވެސް ވަރަކަށް ވަދެ ނުކުމެ ހަދާތީ އެ ބައްޔަށް މީހުން ޕޮޒިޓިވް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ބަލީގެ ޒާތުން، ފުރަތަމަ ހަދާ ޓެސްޓުން ނެގެޓިވްވި ނަމަވެސް ފަހުން ވެސް ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
"މި ފުރުސަތު ވީހާ ވެސް ކުޑަ ކުރުމަށްޓަކައި މި ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގައި، ޕޭޝަންޓުންނަށް ޒިޔާރަތް ކުރުމާއި އެހެނިހެން ކަންކަމުގައި ވެސް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް އާއްމު ރައްޔިތުންގެ އެއްބާރުލުން މިނކަމުގައި ބޭނުންވާ ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން،" އައިޖީއެމްއެޗުން ބުންޏެވެ.
އިންޑޮނީޝިއާ މީހާ ޕޮޒިޓިވްވި ކަން އެނގުނީ ކެންސަރު ބަލީގައި ދެވަނަ ސާޖަރީއެއް ހަދަން ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ. އެކަމަކު ނަތީޖާ ލިބުމުގެ ކުރިން އޭނާ ވަނީ އިއްޔެ ހެނދުނު މަރުވެފަ އެވެ. ނަމަވެސް ކޮވިޑް މަރުގެ ގޮތުގައި ކަނޑައަޅާ މިންގަނޑުތަކުން އޭނާ މަރުވީ އެ ބަލީގައި ކަމަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނުބަލަ އެވެ.