21 އޮކްޓޯބަރ 2016 - 10:08

ލިވަޕޫލް (އޮކްޓޯބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކަކީ ވަކިވަކި ކުޅުންތެރިންނަށް ބަރޯސާވެގެން ކުޅޭ ޓީމުތަކެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ލީގުގައި މާދަމާރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުނީ ޕްރިމިއާ ލީގުގައި ކޮންމެ ޓީމެއް ވެސް ކުޅެނީ ތަފާތު ސްޓައިލަކަށް ކަމަށާއި އެހެން ކަމުން އެއްވެސް މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އެހެން ލީގުތަކުގައި ޓީމުތައް ކުޅޭނީ ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަލައިގެން އެ ކުޅުންތެރިންތަކަށް ބަރޯސާވެގެން. އެކަމަކު ޕްރިމިއާ ލީގު ވަރަށް ތަފާތު. ކޮންމެ ޓީމެއް ވެސް ކުޅެނީ ވަކިގޮތަކަށް. އެއްވެސް ޓީމެއް ވަކި ކުޅުންތެރިންތަކަކަށް ބަރޯސާވެގެން ކުޅޭތަނެއް ނުފެނޭ. ކޮންމެ ޓީމެއްގައި ވެސް މި ތިބެނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ކުޅުންތެރިން،" ކްލޮޕް ބުންޏެވެ.
ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން ލިވަޕޫލުން މޮޅުވަމުން އައި ރެކޯޑަށް ވަނީ ނިމުމެެއް އައިސްފަ އެވެ. ޔުނައިޓެޑް މެޗުގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް ލިވަޕޫލް ވަނީ މޮޅުވެފަ އެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލް ދަނޑުގައި ވެސްޓް ބްރޮމާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ވެސްޓް ބްރޮމް ކުރީގައި އޮއްވައި ލިވަޕޫލަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ފަހު މިނިޓްގައި ޑިވޮކް އޮރީގީ އެވެ.
މާދަމާރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން އެންމެ ފަހުން ޔުނައިޓެޑް މެޗުގައި ނުފެނުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ކުޅޭނެ އެވެ.
ލީގުގައި މި ވަގުތު ލިވަޕޫލް އޮތީ ކުޅުނު އަށް މެޗުން ލިބުނު 17 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ލިވަޕޫލް ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.