05 ޖުލައި 2020 - 07:46

މިދިޔަ މެއި މަހުގެ ތެރޭގައި އިންޑިއާގެ ފުރާވަރުގެ އަންހެން ކުއްޖަކު އޭނާގެ ބައްޕަ ގޮވައިގެން ގެޔަށް ދާން ބައިސްކަލުގައި ކުރި ދިގު ދަތުރަށް ބިނާކޮށް ފިލްމެއް ހަދަން އޭގެ ރައިޓްސް ހޯދާފައި ވަނިކޮށް މައްސަލަތަކެއް ދިމާވެއްޖެ އެވެ.

މޯހަން ޕަސްވާނާއި އޭނާގެ 15 އަހަރުގެ ދަރިފުޅުގެ ވާހަކަ އަށް ބިނާކޮށް ފިލްމެއް ހަދަން، އޭގެ ރައިޓްސް ހޯދައި، ޕަސްވާނާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ޕްރޮޑިއުސަރު/ޑައިރެކްޓަރު ވިނޯދު ކަޕްރީ އެވެ. އަދި ނަމެއް ދީފައިވާ ނުވާ ޕްރޮޖެކްޓް ގެނެސްދޭނީ އޭނާގެ ފިލްމު ކުންފުނި ބަގިރާތީ ފިލްމްސްގެ ތައްގަނޑުގަ އެވެ. ކަޕްރީ އަކީ މިދިޔަ އަހަރު ރިލީޒްކުރި "ޕިހޫ" ގެ ޑައިރެކްޓަރެވެ.
އޭނާގެ ފިލްމާ ގުޅޭ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް މިހާރު އެހެން ބަޔަކު ޕަސްވަނާއި ޖިއޯތީގެ ވާހަކަ އަށް ފިލްމެއް ހަދަން އުޅޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ޝައިން ކްރިޝްނާ ކިޔާ ޕްރޮޑަކްޝަން ހައުސްއަކުން އެކްޓަރު ސަންޖޭ މިޝްރާ ލައްވައި، ޕަސްވަންގެ ރޯލް ކުޅުވަން އުޅޭ ފިލްމުގެ މައްސަލަ މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކަށް ވެސް ހުށަހަޅައިފަ އެވެ.
މިކަމާ ބެހޭ ގޮތުން ކަޕްރީ ބުނީ އޭނާ އަށް ރައިޓްސް ދީފައި ވަނިކޮށް އެހެން ބަޔަކު ޕަސްވަނާއި އޭނާގެ ދަރިފުޅުގެ ވާހަކަ އަށް ފިލްމެއް ހަދަން އުޅޭކަން އެނގުމުން އެއީ ކިހިނެއްވީ ކަމެއްތޯ ޕަސްވަންގެ ފަރާތުން ސާފުކޮށްފައިވާ ކަމަށެވެ.
"އޭނަ ބުނެފައި ވަނީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައި ނެތް ކަމަށް. އަދި އަހަރެން ނޫން މީހަކަށް ރައިޓްސް ވެސް ދީފައި ނުވާނެ ކަމަށް،" ކަޕްރީ ބުންޏެވެ. "އެހެންވެ އަހަންނަށް ރައިޓްސް ދީފައި އޮތް ކަމެއްގެ މައްޗަށް ބިނާކޮށް އެހެން ބަޔަކު ފިލްމު ހަދަން އުޅޭތީ އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅު ވެސް އަޅާނަން."
ކަޕްރީ ބުނީ މި މައްސަލާގައި ޝައިން ކްރިޝްނާ އަށް ވަރަށް އަވަހަށް ދައުވާގެ ނޯޓިސް ވެސް ފޮނުވާނެ ކަމަށެވެ.
"އަހަންނަށް ރައިޓްސް ދިން ކަމުގެ ހުރިހާ ލިޔެކިޔުންތަކެއް އެބަހުރި. އެހެންވީމާ އެހެން ބަޔަކަށް މިކަމާ އުޅެވިގެން ނުވާނެ." އޭނާ ބުންޏެވެ.
ޖިއޯތީ އާއި ޕަސްވަންގެ ވާހަކަ މީޑިއާތަކަށް އެރީ ލޮކްޑައުންގެ ތެރޭގައި އެ މީހުންގެ ނިއު ދިއްލީގައި ތާށިވުމުން އަމިއްލަ ވަޒަން ބިހާރަށް ދާން ބައިސްކަލުގައި ކުރި 1،200 ކިލޯމީޓަރުގެ ދަތުރާ އެކީގަ އެވެ. މިކަމާ ގުޅިގެން ޖިއޯތީ އަށް ވަނީ އިންޑިއާގެ ނެޝަނަލް ސައިކްލިން އެކެޑެމީގައި ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ދީފަ އެވެ.