03 ޖުލައި 2020 - 20:18

އައިޖީއެމްއެޗުގެ އައިސީޔޫން ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އައިޖީއެމްއެޗުން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ފިޔަވަޅުތަކެއް އަޅާފައިވާއިރު، އައިސީޔޫން ޕޮޒިޓިވްވީ ތިން ނަރުހަކާއި އެ ތަނުގައި ފަރުވާދެމުން އައި ބަލި ދެ މީހެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އައިސީޔޫގައި މަސައްކަތް ކުރާ ހުރިހާ ނަރުހުން މިހާރު ވަނީ، ކަރަންޓީންކޮށް ކޮވިޑް-19 އަށް ޓެސްޓް ހަދައިފަ އެވެ. އެކަމަކު އެއީ ކިތައް ނަރުހުން ކަމެއް އަދިއެއް ނޭނގެ އެވެ.
މިކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަށް އިއްޔެ އާއި މިއަދު ގުޅުމުން ވެސް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައި ވޭތޯ ޔަގީން ކުރަމުން އަންނަ ކަމަށެވެ.
މައުލޫމާތު އެނގޭ ބައެއް މީހުން ކިޔައިދިން ގޮތުގައި، ސަރުކާރުގެ މައި ހޮސްޕިޓަލުގެ އައިސީޔޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ އެ ތަނުގައި ފަރުވާ ދިން ކެންސަރު ބަލީގެ މީހެއްގެ ފަރާތުންނެވެ.
އިންޑޮނީޝިއާގެ އެ މީހާ ޕޮޒިޓިވް ކަން އެނގުނީ ކެންސަރު ބަލީގައި ދެވަނަ ސާޖަރީއެއް ހަދަން ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ. އެކަމަކު ނަތީޖާ ލިބުމުގެ ކުރިން އޭނާ ވަނީ އިއްޔެ ހެނދުނު މަރުވެފަ އެވެ.
އެހެންވިޔަސް، ކޮވިޑް މަރުގެ ގޮތުގައި ކަނޑައަޅާ މިންގަނޑުތަކުން އޭނާ މަރުވީ އެ ބަލީގައި ކަމަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނުބަލަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް 2،400 އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވިއިރު އެ ބަލީގައި 10 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.