03 ޖުލައި 2020 - 16:15

ނިއު ދިއްލީ (ޖުލައި 3) - ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ލޭގެ ޕްލާސްމާ ލިބުން ދަތިވުމުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޕްލާސްމާ ބޭންކެއް ހުޅުވައިފި އެވެ.
ޕްލާސްމާ ތެރަޕީ އަކީ ކޮވިޑް-19 ޖެހި ރަނގަޅުވެފައި ތިބި މީހުންގެ އެންޓިބޮޑީ މުއްސަނދި ލޭ ކޮވިޑް-19 ގެ ބަލި މީހުންނަށް ދިނުމެވެ.
"ޕްލާސްމާ ހޯދުމަކީ ވަރަށް ދަތި ކަމެއް. ޚާއްސަކޮށް ދިއްލީގައި ބަލީގެ ހާލަތު ގޯސްވަމުންދާ އިރު. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދިއްލީގައި ޕްލާސްމާ ބޭންކެއް ގާއިމްކުރީ. ޚާއްސަކޮށް ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް،" ދިއްލީގެ ޗީފް މިނިސްޓަރު އަރްމިންދު ކެޖްރިވާލް ވިދާޅުވި އެވެ. "ބޭންކް ކާމިޔާބު ވާނީ މީހާ ވެސް ގިނަ މީހުން ލޭ ހަދިޔާކޮށްގެން. އަޅުގަނޑު އެދެން އެކަމަށް ކުޅަދާނަވީ އެންމެން ލޭ ދިނުމަށް."
ޕްލާސްމާ ތެރަޕީ ދިއްލީގައި ވަނީ ޓްރަޔަލް މަރުހަލާގަ އެވެ. އެ ފަރުވާ ދިނުމަށް ހުއްދަ ދީފައި ވަނީ ވެސް މަދު ހޮސްޕިޓަލަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާ އިރު ދިއްލީގައި ވަނީ އަލަށް 2،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ދިއްލީން މިހާތަނަށް ވަނީ 90،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ.
ކޮވިޑް-19 ގެ ކޭސްތައް ހަތަރު ވަނަ އަށް އެންމެ ގިނަ ގައުމަކީ އިންޑިއާ އެވެ. އެ ގައުމުން މިހާތަނަށް 628,205 މީހުން ޕޮޒިޓިވްވެފައިވާ އިރު 18,241 މީހުން ވަނީ މަރުވެފަ އެވެ.