ފެތުންތެރިޔާ ސާޖިނާ ރިހި މެޑަލް ހޯދައިފި
ފެތުންތެރިޔާ ސާޖިނާ ރިހި މެޑަލް ހޯދައިފި

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުން ރާއްޖޭގެ އައިޝަތު ސާޖިނާ މިއަދު ރިހި މެޑެއްޔެއް ހޯދައިފި އެވެ.

އިއްޔެ ލޯ މެޑަލެއް ވެސް ހޯދި ސާޖިނާ މިއަދު ރިހި މެޑަލް ހޯދީ 100 މީޓަރު ބްރެސްޓްސްޓްރޯކުގެ 18 އަހަރުން މަތީގެ ކެޓަގަރީންނެވެ. އޭނާ އިއްޔެ ލޯ މެޑަލް ހޯދީ 50 މީޓަރު ބްރެސްޓްސްޓްރޯކުގެ 18 އަހަރުން މަތީގެ ކެޓަގަރީންނެވެ.

ސާޖިނާގެ ދައްދަ އައިމިނަތު ސަޖަން ވަނީ މިއަދު 800 މީޓަރު ފްރީސްޓައިލް އިވެންޓުގެ 18 އަހަރުން މަތީގެ ކެޓަގަރީން ލޯ މެޑަލެއް ހޯދައިފަ އެވެ. އޭނާ ރޭސް ފުރިހަމަކުރީ 11 މިނެޓު 18:50 ސިކުންތުންނެވެ.

މުބާރާތުގެ ފުރަތަމަ ދެ ދުވަހުގެ ސެޝަންތައް ނިމިފައިވާއިރު ރާއްޖޭން ވަނީ ޖުމްލަ 11 މެޑަލް ހޯދައިފަ އެވެ. އެއީ 10 ލޯ މެޑަލާއި އެއް ރިހި މެޑަލެވެ. ރާއްޖޭން މިއަދު ހޯދި ކާމިޔާބީތަކަށް ބަލާއިރު 15 އަހަރުން ދަށުގެ މިކްސްޑް ކެޓަގަރީގެ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިން ލޯ މެޑަލް ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ މިކްސްޑް ކެޓަގަރީން އަދި 18 އަހަރުން މަތީގެ މިކްސްޑް ކެޓަގަރީގެ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ސައުތު އޭޝިއަން ސްވިމިން ފެޑަރޭޝަނާއި ސްރީލަންކާ އެކުއަޓިކް ސްޕޯޓްސް ޔޫނިއަން ގުޅިގެން ބާއްވާ މި މުބާރާތުގައި މި ސަހަރައްދުގެ ހަތް ގައުމަކުން ބައިވެރިވެ އެވެ. އެއީ ރާއްޖޭ އާއި ލަންކާގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން އަދި ނޭޕާލެވެ. މުބާރާތުގައި ހިމެނެނީ 18 އަހަރުން މަތި، 18 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކެޓަގަރީ އެވެ.

މުބާރާތުގައި ރާއްޖޭން 23 ފެތުންތެރިއަކު ވާދަކުރާއިރު ބައިވެރިވުމުގެ ހަރަދު ދީފައިވަނީ ސްޕޯޓްސް މިނިސްްރީންނެވެ.