ކޮވިޑް-19 އާ ދެކޮޅަށް ކުރި ހޭދަ 976 މިލިއަނަށް
ކޮވިޑް-19 އާ ދެކޮޅަށް ކުރި ހޭދަ 976 މިލިއަނަށް

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް ސަރުކާރުން މިހާތަނަށް ކުރި ޚަރަދު 976 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ނެރޭ ޚަރަދުތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް ކުރި ހަރަދުގެ 65 ޕަސެންޓަކީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ކޮށްފައިވާ ހަރަދެވެ. އެއީ 641 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެތަނަށް 148 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބައްޔަށް ޓެސްޓް ކުރުމާއި ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމެންޓް (ޕީޕީއީ) އާއި ބޭހަށެވެ. ވެންޓިލޭޓަރު ހޯދުމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ގާއިމުކޮށް ބެލެހެއްޓުމަށް ވެސް ބޮޑެތި ހޭދަތައް ކޮށްފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރަންޖެހޭ ބޭސްފަރުވާއަށް 466 މިލިއަން ހޭދަކޮށްފައިވާ އިރު ބޭނުންވާ އިކުއިޕްމަންޓްތަކަށް 180 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން އާންމުންނަށް އެހީތެރިވުމަށް 114 މިލިއަން ހަރަދުކޮށްފައިވެ އެވެ. އަދި ދަތުރުތަކަށް 4.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސިއްހީ ހިދުމަތަށް މި ދުވަސްވަރުކުރަންޖެހޭ ހޭދަ އެތައް ގުނައެއް އިތުރުވެފައި ވާތީ މި ހަރަދުތައް ކުރުމަށްޓަކައި ސަރުކާރުގެ އެހެން ބައެއް ހަރަދުތައް މިވަގުތަށް ކުޑަކޮށް ބައެއް ޕްރޮޖެކްޓްތައް މިވަގުތަށް ވަނީ ހުއްޓާލައިފަ އެވެ. އަދި ބޭރުގެ މާލީ އެހީ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ބޭރުގެ މާލީ އިދާރާތަކުން 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ސަރުކާރުން މިހާރު ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރަން އިއުލާނުކުރި ލޮކްޑައުން އަށް ވަރަށް ބޮޑަށް ލުއިކޮށް އާންމު ހާލަތަކަށް ރުޖޫއަވާން މަސައްކަތް ފަށައިފަ އެވެ. ވިޔަފާރީގެ ހަރަކާތްތައް ފަށައި މިމަހުގެ 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލާ ޓޫރިސްޓުންނަށް ރާއްޖެއަށް އައުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.