ސިޓީން، ޗެމްޕިއަން ލިވަޕޫލް ބޮޑު ތަފާތަކުން ބަލިކޮށްފި
ސިޓީން، ޗެމްޕިއަން ލިވަޕޫލް ބޮޑު ތަފާތަކުން ބަލިކޮށްފި

މެންޗެސްޓާ (ޖުލައި 3) – އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ ހަފުތާގައި ކަށަވަރުކުރި ލިވަޕޫލް، އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗުން، އެ ޓީމާ ތަށްޓަށް އެންމެ ވާދަކުރި މެންޗެސްޓާ ސިޓީ އަތުން ތަފާތުބޮޑުކޮށް 4-0 އިން ރޭ ބަލިވެއްޖެ އެވެ.

މި މެޗު ފެށުމުގެ ކުރިން ސިޓީން ވަނީ، ލިވަޕޫލަށް ޗެމްޕިއަންކަން ހޯދުމުގެ ޝަރަފުގައި ގާޑް އޮފް އޮނާއެއް ދީފަ އެވެ.

ޗެމްޕިއަންކަން ކަށަވަރުވެފައި އޮތަސް، ލިވަޕޫލަށް އަދިވެސް އިތުރު ރެކޯޑްތަކެއް ހެދެން އޮތުމުން މި މެޗުން އޮތީ މުހިއްމުވެފަ އެވެ. އެކަމަކު ސިޓީ އަތުން މިދިޔަ ހަފުތާގައި ޗެލްސީ 2-1 އިން މޮޅުވުމާ އެކު ލީގު ކަށަވަރުވި ފަހުން ލިވަޕޫލް މިދިޔަ ދުވަސްތައް ބޮޑަށް ހޭދަކުރީ އުފާފާޅުކުރުންތަކުގައި ކަމަށްވުމުން މި މެޗަށް ބޮޑަށް ފޯކަސްނުކުރެވިދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަނެއްކޮޅުން ސިޓީ ނުކުތީ، ޗެމްޕިއަން ބަލިކުރުމުގެ ރޫހެއްގަ އެވެ.

މެޗުގެ ކުރީކޮޅު ލިވަޕޫލުގެ މުހައްމަދު ސަލާހަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. ނަތީޖާއަކަށްވީ ސިޓީން ފުރަތަމަ ހާފުގައި ތިން ގޯލް ޖަހައި މެޗުގެ އެ ޓީމު ކޮޅަށް އަނބުރާލުމެވެ. ފުރަތަމަ ގޯލް 25 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ކެވިން ޑި ބްރޭނާ އެވެ. ސިޓީގެ ދެ ވަނަ ގޯލް 35 ވަނަ މިނެޓުގައި ޖެހީ ލިވަޕޫލުގެ ކުރީގެ ވިންގާ ރަހީމް ސްޓާލިން އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތިން ވަނަ ލަނޑު ޖެހީ ފިލް ފޯޑެން އެވެ. ސިޓީގެ ހަތަރު ވަނަ ގޯލަކީ 66 ވަނަ މިނެޓުގައި ލިވަޕޫލުގެ އެލެކްސް އޮކްސްލޭޑް-ޗެމްބަލައިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޗެމްޕިއަން ލިވަޕޫލް، އެ ޓީމުގެ ވަރުގަދަކަމުގައި ބަލިކޮށްލެވިއްޖެ ކަމަށާއި އޭނާގެ ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމަށް ފުރުސަތު ލިބި ބޭނުންނުކުރެވުނީ ކަމަށާއި އެ ޓީމަށް އޮތީ ނަތީޖާ ގަބޫލުކުރުން ކަމަށެވެ. ކްލޮޕް ބުނީ ލިވަޕޫލް އޮތީ މެޗަށް ފޯކަސްނުކޮށް ކަމަށް ބުނަން ބޭނުން ނަމަ އެކަންކުރަންވީ ކަމަށާއި އެކަމަކު އޭނާ އަށް އެ ޓީމުގެ ކުޅުންތެރިން މެޗު ނެގި ގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"މެންޗެސްޓާ ސިޓީން އެހާ މޮޅަށް ކުޅޭއިރު، އެހެން ޓީމަކުން ޗެމްޕިއަންކަން ނެގުން، ހިތްގައިމެއް ނޫންތަ؟،" ކްލޮޕް އެހި އެވެ. "މެންޗެސްޓާ ސިޓީ އަކީ ވަރުގަދަ ޓީމެއް. އަހަރެން ސީޒަނުގައި އެ ޓީމުގެ ކުޅުން ދުށިން. އެ ޓީމުން ދެއްކީ ގޯސް ކުޅުމެއް ނޫން."

މިދިޔަ ދެ ސީޒަނުގެ ޗެމްޕިއަން ސިޓީ އަށް މި ސީޒަނުގެ ލީގު ގެއްލުނީ އެ ޓީމުގެ ފޯމް ދަށްވުމަށް ވުރެ، ލިވަޕޫލްގެ އާދަޔާހިލާފު ރަނގަޅު ފޯމުގެ ސަބަބުންނެވެ. ލީގުގެ ކުރީކޮޅު ލިވަޕޫން ނެގި ލީޑާ އެކު އެއްވަރެއްގައި ހިފަހައްޓައި ސީޒަން ދެބައިވީއިރު އޮތީ ލީގު ނެގުމަށް މަގުކޮށައިފަ އެވެ.