ރާއްޖޭގެ ސަރަހައްދުގައި އުދުހޭ އުޅަނދުތައް އިތުރުވެއްޖެ
ރާއްޖޭގެ ސަރަހައްދުގައި އުދުހޭ އުޅަނދުތައް އިތުރުވެއްޖެ

ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހޭ މަތިންދާބޯޓުތައް ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި 35 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް، އެ އުޅަނދުތަކުގެ ހަރަކާތްތައް ބަލަހައްޓާ، އެއާޓްރެފިކް ކޮންޓްރޯލުން ބުނެފި އެވެ.

ރާއްޖޭގެ ސަރަހައްދުގައި އުދުހޭ އުޅަނދުތައް އިތުރުވެއްޖެ
ރާއްޖޭގެ ސަރަހައްދުގައި އުދުހޭ އުޅަނދުތައް އިތުރުވެއްޖެ

ބައިނަލްއަގްވާމީ އެއާޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހުޅުލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، އެއާޓްރެފިކް ކޮންޓްރޯލް ސާވިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ 2007 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ރާއްޖޭގެ ވައިގެ ސަރަހައްދުގައި ދަތުރުކުރި މަތިންދާބޯޓުގެ ނިސްބަތް 35 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ 2007 ވަނަ އަހަރު 91،000 މަތިންދާބޯޓަށް އެތަނުން ހިދުމަތް ދީފައިވާއިރު މިދިޔަ އަހަރު އެ އަދަދު 142،000 އަށް އިތުރުވެފައިވާ ކަމަށެވެ.

އެއާޓްރެފިކް ކޮންޓްރޯލަރުންގެ ޒިންމާއަކީ ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހޭ އުޅަނދުތައް، އެކަތި އަނެކެއްޗާ ނުޖެހޭނެ ގޮތަށް ވަކި ދުރުމިނެއްގައި ބަހައްޓައިދީ، މޫސުމަށް ބަލައިގެން ދަތުރު ކުރެވޭނެ ގޮތް ހަދައިދިނުމެވެ. އަދި އެއާޕޯޓު ރަންވޭއަށް ޖެއްސުމާއި އުދުއްސާލުމުގެ އިރުޝާދުތައް ދެނީ، އެއާޕޯޓު ޓަވަރުގައި ތިބޭ ޓްރެފިކް ކޮންޓްރޯލަރުންނެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހޭ އުޅަނދުތަކާ ގުޅޭގޮތުން އިތުރު ތަފުސީލު ދެއްވަމުން ތޯހާ ވިދާޅުވީ އާއްމުގޮތެއްގައި އެއްވަގުތެއްގައި އެންމެ ގިނައިން އުދުހޭނީ 50 މަތިންދާބޯޓެވެ. އަދި ދުވާލެއްގެ މައްޗަށް 500 މަތިންދާބޯޓު އުދުހޭއިރު، މަހެއްގެ މައްޗަށް 15،000 އުޅަނދު އުދުހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދެ ސީޕްލޭން އޮޕަރޭޓަރުން ހިދުމަތް ދޭއިރު އެ އުޅަނދުތަކުގެ ހަރަކާތްތައް ވެސް ބަލަހައްޓަނީ އެއާޓްރެފިކް ކޮންޓްރޯލުންނެވެ.

ތޯހާ ވިދާޅުވީ ރާއްޖޭގައި މިހާރު 55 ސީޕްލޭން ބޭނުން ކުރާއިރު އާއްމުގޮތެއްގައި 250 ދަތުރު އެ ބޯޓުތަކުން ކުރެ އެވެ. އެކަމަކު ބައެއް ދުވަސް ދުވަހު 500 ދަތުރު ވެސް ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ވައިގެ ސަރަހައްދުގެ ބޮޑުބައިގެ ތެރޭގައި ހިމެނެނީ ކަނޑުގެ ސަރަހައްދެވެ. އެގޮތުން ރާއްޖޭގެ ވައިގެ ސަރަހައްދުގެ ބޮޑުމިނުގައި 500،000އަކަ ނޯޓިކަލް ހުންނައިރު، އައްޑުއާ ހަމައިން ދެކުނަށް، 300 ނޯޓިކަލް މޭލު ވެސް ހިމެނެނީ ރާއްޖޭގެ ވައިގެ ސަރަހައްދުގަ އެވެ. މާލެ އާއި އައްޑުއާ ދެމެދު ވެސް ހުންނަނީ ހަމަ 300 ނޯޓިކަލް މޭލެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޓަވަރެއް ބެހެއްޓީ 1982 ވަނަ އަހަރު، ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާއެކު އެވެ. ނަމަވެސް މިހާރު އެތަނުގައި އާ ޓަވަރަކާއި އޭޓީސީ ކޮމްޕްލެކްސް އަކާއި ރާޑަރަކާއި ޒަމާނީ ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ. އެކަމަށް ސަރުކާރުން 268 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތޯހާ ވިދާޅުވި އެވެ.