ހަފުތާ ބަންދުގައި ނޫނީ ބޭންކުތައް ހުޅުވާނެ
ހަފުތާ ބަންދުގައި ނޫނީ ބޭންކުތައް ހުޅުވާނެ

ކޮވިޑް-19 ފެތުރޭތީ ހިދުމަތުގެ ވަގުތަށް ގެނައި ބަދަލުތަކަށް ފަހު، އަންނަ ހަފުތާއިން ފެށިގެން، ހަފުތާ ބަންދުގައި ނޫނީ ކޮންމެ ދުވަހަކު އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ އެ އިދާރާ އިން ދޭ ހިދުމަތްތަކުގެ ތެރެއިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ލިބޭނީ އާދީއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށް ކަމަށެވެ. އަދި ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ ވެސް މި ވަގުތުތަކުގައި ކަމަށް އެ އިދާރާ އިން ބުންޏެވެ.

ކުދި ރުފިޔާ ދޫކުރުމާއި ވަކި ލާރި ދޫކޮށް ބަލައިގަތުން އޮންނާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. މި ހިދުމަތް ހޯދުމަށް ކުރިއެކޭ އެއްގޮަތަށް، ހިދުމަތް ހޯދާ މީހާގެ މައުލޫމާތު 7919292 އަށް އެސްއެމްއެސްގެ އިން ނުވަތަ ވައިބާ އިން ފޮނުވަން ޖެހޭނެ އެވެ.

މީގެ އިތުރުން ޖެމްސް ބޭނުން ކުރާ ވިޔަފާރިތަކާއި މީހުންނަށް އެމްއެމްއޭގެ މެއިލް[email protected]މެދުވެރިކޮށް ސިޓީ އާއި އެހެނިހެން ޑޮކިއުމަންޓުތައް ފޮނުވޭނެ އެވެ.

އެމްއެމްއޭގެ ހިދުމަތްތައް އާއްމުންނަށް ހުޅުވާލި ނަމަވެސް، ކޮވިޑް-19 ފެތުރޭތީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށާއި އެ އިދާރާއިން ހިދުމަތް ހޯދާ މީހުން ތިބެން ޖެހޭނީ މާސްކު އަޅައިގެން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.