02 ޖުލައި 2020 - 22:51

ބޮޑުފިނޮޅުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވާ، މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރިޒާގެ ކުންފުނިން މުސާރަ ނުދީގެން، ހިންގި ހަމަނުޖެހުންތަކުގައި އެ ރަށުގައި ގެންގުޅޭ ވެހިކަލްތަކާއި އިމާރާތްތަކުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައި ކަމަށް ފުލުހުން ބުނޭ. އޭގެ ބައެއް ފޮޓޯތައް ފުލުހުން ވަނީ މީޑިއާއާ ހިއްސާ ކޮށްފައި. ފުލުހުން ވަނީ މި މައްސަލަތަކުގެ ތަހުގީގު އެ ރަށުގައި މިހާރު ފަށާފައި.

ފުލުހުން ބުނީ، ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މީހުން ވަނީ، އެ ރަށުގައި މަސައްކަތަށް ބޭނުންކުރާ ބައެއް ވެހިކަލްތަކަށް ވެސް ގެއްލުން ދީފައި ކަމަށް. އޭގެ ބައެއް ފޮޓޯތައް ފުލުހުން މީޑިއާއާ ހިއްސާ ކޮށްފައިވާއިރު، ވެހިކަލްތަކުގެ ބިއްލޫރިތައް ތެޅުން ފަދަ ކަންކަން ފާހަގަވޭ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ވޯކްޕާމިޓް އެބަހުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ބުނީ، އެ މީހުންގެ މައުލޫމާތުތައް ފުލުހުންގެ ޓީމުތަކުން ނަގަމުން އަންނަ ކަމަށް.

ފުލުހުން: އެ މީހުންނާ އެކު، ކުރެވުނު މަޝްވަރާތަކަށް ފަހު، ސުލްހަވެރިކަމާ އެކު، މައްސަލަ ހައްލު ކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭން އެ މީހުން ވަނީ އެއްބަސްވެފައި. އެ މީހުން އަމަލު ކުރަމުން ގެންދަނީ ފުލުހުން އަންގާ ގޮތުގެ މަތިން، ފުލުހުންގެ އިރުޝާދާ އެއްގޮތަށް. އެއްވެސް ބަޔަކު ފިލުން ފަދަ ކަމެއް ނުހިންގާ.

ފުލުހުން: އެއްވެސް މީހަކު އެއްވެސް ހަމަނުޖެހުމެއް ހިންގައިފައެއް ނުވޭ. މީހުން ތިބި ތަންތަނާއި ރަށުގެ އެކި ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން. ތަހުގީގު ޓީމުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުގެ ޓީމަކާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ހިމެނޭ.

ފުލުހުން: ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސާސް ޓީމަކާއި ތަހުގީގު ޓީމުތައް ރަށުތެރޭގައި މިހާރު ދަނީ ހަރަކާތްތެރިވަމުން.

ފުލުހުން ބުނެފައިވާ ގޮތުގައި، މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ ޓީމެއް ވެސް ބޮޑުފިނޮޅަށް ގެންދިޔަ. ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏާ ހަވާލު ކޮށްގެން ރިސޯޓެއްގެ ގޮތުގައި ހަދަމުން އަންނަ ބޮޑުފިނޮޅުގެ މުވައްޒަފުންނަށް އެކި މަސްތަކަށް މުސާރަ ނުދީ ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި. އެކަމަކު، އޭގެ ސަބަބެއް ކަމަށް ވިދާޅުވަނީ، ރިޒާގެ އާރުއައި އެކްސްއާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުން. މިދިޔަ ދުވަސްތަކުގައި އެކަމަށް ހައްލެއް ހޯދަން ސީލް މޯލްޑިވްސްއާ އެކު ކުރި މަސައްކަތުން އަލިމަގެއް ނުފެނުނު ކަމަށް ރިޒާ ރޭ ވިދާޅުވި.

ފުލުހުން: ސުލްހަވެރިކަމާ އެކު، މައްސަލަ ހައްލު ކުރުމަށް އެ މީހުންނާ އެކު ދަނީ މަޝްވަރާ ކުރަމުން. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.

ފުލުހުން ބުނީ، އެ ރަށުގައި ހިފަހައްޓާފައި ތިބީ ވެސް 12 މީހުން ކަމަށް.
ފުލުހުން ދެންމެ ބުނީ، ބޮޑުފިނޮޅަށް ފުލުހުންގެ ޚާއްސަ ޓީމަކުން އަރައި، އެ ރަށުގައި ރަހީނުކޮށްފައި ތިބި 12 ދިވެއްސަކު ސަލާމަތް ކޮށްފައިވާ ކަމަށް. އެކަމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނި.
ބ. ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން ކުރަމުންދާ ހަޅުތާލު ހޫނުވެ، އެ ރަށަށް އަރަން ދިޔަ ފުލުހުންނަށް އެ ރަށަށް އެރޭ ގޮތް ނުވި ކަމަށް ތުޅާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން އާންމު ކުރި މެސެޖެއްގައި ބުނެފައިވާ ގޮތުން ބޮޑުފިނޮޅުގައި 15 ވަރަކަށް ދިވެހިން ތިބި ކަމަށާއި މައްސަލަ ހައްލު ކުރަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ތުޅާދޫ ބަނދަރުމަތީގައި ހުރި އެ ރަށުގެ މީހަކު ބުނީ ފުލުހުން އެ ރަށަށް އަރަން މިރޭ މަސައްކަތް ކުރި ކަމަށާއި އެކަމަކު ހަޅުތާލު ކުރަމުންދާ ބިދޭސީންތައް ތިބީ ހަދަމުންދާ ރިސޯޓުގެ ބަނދަރުމަތީގައި އޮއްގަލާއި ހޮޅިބުރިތައް ހިފައިގެން ކަމަށެވެ. އަދި ފުލުހުން މިރޭ އެ ރަށަށް އަރަން ދިއުމުން އޮއްގާ އުކި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެއް ފުލުހަކު ޒަހަމް ވެގެން ފަރުވާ ވެސް އެބަދޭ،" އޭނާ ބުންޏެވެ.
އެ ރަށުގައި ރިސޯޓް ހެދުމުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏަކުންނެވެ. ބޮޑުފިނޮޅުގައި މި ވަގުތު 200 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާއިރު އެ މީހުން ހަޅުތާލު ކުރަމުން ދަނީ ހަ މަހުގެ މުސާރަ ނުދީ އޮތް ކަމަށް ބުނެ އެވެ. މި މައްސަލަ ހޫނުވެފައި ވަނީ އެ ރަށުގައި މަސައްކަތް ކުރާ ބައެއް ދިވެހިން އެ ރަށުން ފޭބުމަށް ބިދޭސީން މިއަދު ހުރަސް އެޅުމާ ހިސާބުން ކަމަށް އެކަން އެނގޭ ބައެއް މީހުން "މިހާރަ"ށް ބުންޏެވެ.
"އޭގެ ތެރޭގައި އެބައުޅޭ މި ރަށުގެ ބައެއް މީހުން ވެސް. އެ މީހުން ރަށަށް އަންނަން ބޭނުންގެން އުޅެނިކޮށް ފޭބިޔަ ނުދީ ހިފަހައްޓައިގެން ތިބީ. އެކަމަކު މިރޭ އޭގެ ތެރެއިން އެކަކު ފަތާފައި ރަށަށް އަތުވެއްޖެ. އޭނާ ހުރީ ބިރުން ތުރުތުރު އަޅާ. ވާހަކައެއް ވެސް ނުދެއްކޭ،" ތުޅާދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ތުޅާދޫގެ ވަރަށް ގިނަ މީހުން މި ވަގުތު ތިބީ ރަށުގެ ބަނދަރުމައްޗަށް އެއްވެ އެވެ. ފުލުހުން މިހާރު ތައްޔާރުވަމުން ދަނީ ފުލްކިޓްގައި އެ ރަށަށް އެރުމަށް މަސައްކަތް ކުރަމުންނެވެ.
ތުޅާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެ ރަށުގައި ބައެއް ދިވެހިން ތިބީ "ރަހީނު ކޮށްފަ" އެވެ. އަދި އެކަކު ބުނީ އޭގެ ތެރެއިން ބައެއް މީހުން ވަނީ ކޮޓަރިއަކަށް ލައި ތަޅުލައިފަ އެވެ. އެކަމަކު މީގެ ތެދު ދޮގު މުޅިން ކަށަވަރެއް ނުވެ އެވެ.
"އެ މީހުން ސަލާމަތް ކުރަން އިތުރު ފުލުހުން އަންނަންދެން މިކޮޅުގައި ފުލުހުން ތައްޔާރަށް ތިބި ކަމަށް އަޑުތައް ހުރީ،" ތުޅާދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.