01 ޖޫން 2016 - 11:14

މެޑްރިޑް (ޖޫން 1) - އެތުލެޓިކޯ މެޑްރިޑުގެ ސައުލް ނިގުއޭޒް އާއި ރެއާލް މެޑްރިޑުގެ އިސްކޯ ބާކީކޮށް ޗެމްޕިއަން ސްޕެއިނުގެ ޔޫރޯ ސްކޮޑް އިއުލާންކޮށްފި އެވެ.
އަނިޔާގެ ސަބަބުން ގިނަ މެޗުތަކުގައި ކުޅުމާ ދުރުގައި ހުރި ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށް ވަނީ ފޯވާޑުންގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ. ދެން ހިމެނޭ ފޯވާޑުންގެ ތެރޭގައި އެތުލެޓިކް ބިލްބާއޯގެ އަޑުރިޒް އާއި ސެލްޓާގެ ނޮލީޓޯ ވަނީ ލައްވާލައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި އެތުލެޓިކޯ މެޑްރިޑުގެ ހުއަންފްރެން އާއި ކޮކޭ އަދި ލޫކަސް ވަސްކުއެޒް އަށް ވަނީ ސްކޮޑުން ޖާގަ ލިބިފަ އެވެ. އަނިޔާވެފައިވާ ރެއާލް މެޑްރިޑުގެ ކަރްވަހާލްގެ ބަދަލުގައި ނެގި އާސެނަލްގެ ހެކްޓާ ބެލެރިން އަށް ފައިނަލް ސްކޮޑުން ވަނީ ފުރުސަތު ދީފަ އެވެ.
ސްޕެއިން ސްކޮޑް: ކަސިޔަސް، ޑެހެއާ، ރިކޯ، ރާމޯސް، ޕީކޭ، އަލްބާ، ބާޓްރާ، ސެން ހޯސޭ، ހުއަންފްރެން، ބެލެރިން، އަޒްޕިކުއެލްޓާ، ބުސްކެޓްސް، އިނިއެސްޓާ، ބްރޫނޯ، ޕެޑްރޯ، ފެބްރިގާސް، ކޮކޭ، ތިއާގޯ އަލްސަންޓްރާ، ނޮލީޓޯ، ޑޭވިޑް ސިލްވާ، ވަސްކުއެޒް، އަޑުރިޒް، މޮރާޓާ.
އިޓަލީގެ ސްކޮޑަށް ބަލާއިރު އަނިޔާގެ ސަބަބުން ރިކާޑޯ މޮންޓޮލީވޯ ވަނީ ބާކީކޮށްފަ އެވެ. މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ކްލައުޑިއޭ މާކީޒިއޯ އާއި ވެރާޓީ އަށް އަނިޔާވެފައިވަނިކޮށް މޮންޓޮލީވޯ ކުޅުމާ ދުރަށް ދާން ޖެހުމަކީ އިޓަލީއަށް ކުރިމަތިވި މައްސަލައެކެވެ. ސްކޮޑުން ބާކީވި މުހިއްމު އަނެއް ކުޅުންތެރިޔަކީ އޭސީ މިލާނުގެ ޖިއަކޯމޯ ބޮނަވެންޗޫރާ އެވެ.