02 ޖުލައި 2020 - 12:50

ގދ. މާވަރުލުގައި ތަރައްގީ ކުރާ އެއާޕޯޓުގެ ގިނަ މަސައްކަތްތަކެއް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެއާޕޯޓު ބިލްޑިންގެ ދެވަނަ ފޭސްގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ނިމިފައިވާ ކަމަށެވެ. މި ފޭސްގެ ދަށުން އެ ބިލްޑިންގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިން އާއި ސްޓާފް ކުއާޓާރާއި އިންޖީނުގެ އަދި ގާޑު ޕޯސްޓާއި ރެސްޓޯރެންޓެއް ވަނީ ހަދައިފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އެމްޓީސީސީއާ ހަވާލު ކުރި މި ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުނިން ފަށާފައި ވަނީ އޮގަސްޓު މަހުގަ އެވެ. މި މަސައްކަތަށް 12.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.
އެއާޕޯޓު ބިލްޑިންގެ އިތުރުން މާވަރުލުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލައިފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން 199 މީޓަރުގެ ބްރޭކްވޯޓާ އަދި 30 މީޓަރިގެ ރިވެޓްމެންޓުގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އަދި ބަނދަރުގައި ބައްތި ޖެހުމާއި ނެވިގޭޝަނަލް އެއިޑްތައް ހަރުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގެ ދަށުން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާވަރުލު އެއާޕޯޓުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް 18.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން އެ އެއާޕޯޓުގެ ފުރަތަމަ ފޭސްގެ ދަށުން ރަންވޭ އާއި ޓެކްސީވޭގެ އިތުރުން އޭޕްރަންގެ މަސައްކަތް ވެސް ވަނީ ނިންމާލައިފަ އެވެ. އެ އެއާޕޯޓުގައި އަޅާފައިވާ ރަންވޭގެ ދިގުމިނުގައި 1200 މީޓަރު އަދި ފުޅާ މިނުގައި 30މީޓަރު ހުންނައިރު ޓެކްސީވޭގެ ދިގުމިނުގައި 60 މީޓަރު އަދި ފުޅާ މިނުގައި 15 މީޓަރު ހުންނާނެ އެވެ. އަދި އޭޕްރަންގެ ދިގުމިނުގައި 120 މީޓަރު ހުންނައިރު ފުޅާ މިނުގައި 45 މީޓަރު ހުންނާނެ އެވެ.
މާވަރުލު އެއާޕޯޓުގެ ގިނަ މަސައްކަތްތައް ނިމިފައިވާއިރު މި މަހު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނެ އެވެ. މާލެއިން މާވަރުލު އަށް އެއް ކޮޅު ޓިކެޓުގެ އަގަކީ 827ރ. އެވެ.