02 ޖުލައި 2020 - 11:29

ވޮޝިންޓަން (ޖުލައި 2) - އެމެރިކާގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 52،982 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތަކުން ދައްކައިފި އެވެ.
މުޅި ދުނިޔޭގައި ކޮރޯނާވައިރަހާ ބެހޭ ޑޭޓާ ޓްރެކްކުރާ ޔުނިވާސިޓީން ބުނީ މިއީ އެމެރިކާގައި އެއް ދުވަސްތެރޭ ޕޮޒިޓިވްވި މީހުންގެ ރެކޯޑެއް ކަމަށެވެ. މީގެ ކުރިން އެއްވެސް ގައުމަކުން އެއް ދުވަސްތެރޭ ބައި ލައްކަ މީހުން ޕޮޒިޓިވްވެފައެއް ނުވެ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 2,779,953 މީހުން ޕޮޒިޓިވްވެ 130،798 މީހުން މަރުވެފަ އެވެ. މިއީ ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ބްރެޒިލް އިން މަރުވި މީހުންނަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. ބްރެޒިލުން ވަނީ 60,713 މީހުން މަރުވެފަ އެވެ. އެ ގައުމުން ޕޮޒިޓިވްވެފައި ވަނީ 1,453,369 މީހުންނެވެ.
އެމެރިކާ އިން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވަނީ، އެ ގައުމުން ދުވާލަކު އެއް ލައްކަ މީހުން ޕޮޒިޓިވްވެދާނެ ކަމަށް އެ ގައުމުގެ އެންމެ އިސް ސިއްހީ އޮފިޝަލް ޑރ. އެންތަނީ ފައުޗީ ވިދާޅުވެފައި ވަނިކޮށެވެ.
އެމެރިކާގެ ބައެއް ސްޓޭޓްތަކުން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވާން ފެށުމުން މިހާރު ވަނީ އެ ސްޓޭޓްތައް ހުޅުވާލުން ފަސްކުރަން ފަށައިފަ އެވެ.
މުޅި ދުނިޔޭގައި މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 10,810,307 މީހުން ޕޮޒިޓިވްވެ 519،083 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 6,032,985 މީހުންނެވެ.