މަގު ހެދުން ދިގުލައިގެން ދަނީ މޫސުމާ ހެދި: ހައުސިން
މަގު ހެދުން ދިގުލައިގެން ދަނީ މޫސުމާ ހެދި: ހައުސިން

މާފަންނުކޮޅު މަޖީދީމަގުގެ ގާތަށް ނަގައި، އެ މަގު އަލުން ހެދުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނުނިމި ދިގުލައިގެން ދަނީ މޫސުމް ގޯސްވުމާއި އިތުރު މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މަގު ހެދުން ދިގުލައިގެން ދަނީ މޫސުމާ ހެދި: ހައުސިން
މަގު ހެދުން ދިގުލައިގެން ދަނީ މޫސުމާ ހެދި: ހައުސިން

މި މަހު އެކެއްގައި މަގު ހެދުމުގެ މަސައްކަތް ފެށީ ދެ ހަފުތާ ތެރޭގައި ނިންމާ ގޮތަށް ނަމަވެސް، އެކި ސަބަބުތަކާ ހުރެ މި މަސައްކަތް ވަނީ ލަސްވެފަ އެވެ.

ރަސްފަންނުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ހައުސިން މިނިސްޓަރުގެ ނައިބު ހަސަން ރަޝީދު ވިދާޅުވީ މާފަންނުކޮޅުން މަޖީދީމަގު ހެދުމުގެ މަސައްކަތް ފެށީ، އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ގާއިމު ކުރާ ފަޔާ ޑީހައިޑްރަންޓް ހޮޅި އާއި އެމްޑަބްލިއުއެސްސީން ގާއިމު ކުރާ ފެން ހޮޅީގެ މަސައްކަތާ އެކު އެވެ. އެއީ ހޮޅިތައް އެޅުމަށް ހަފުތާއެއް އަދި އޭގެ ފަހުން ޕޭމަންޓާއި މަގުގައި ގާތައް އެޅުން ދެ ހަފުތާއަށް ބަހާލައިގެންނެވެ.

އެކަމަކު ހޮޅިތައް އެޅުންވީ ވަަރަށް ބުރަ މަސައްކަތަކަށް ކަމަށާއި އެކަމަށް މަގު ވަރަށް ފުނަށް ކޮންނަން ޖެހުނު ކަމަށް ހަސަން ވިދާޅުވި އެވެ.

ހޮޅި އެޅުމަށް އެންވަރަޔަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީން އިތުރު ހުއްދަތަކެއް ނަގައި އެކަމަށް ދުވަސްތަކެއް ހޭދަވި އިރު، ހޮޅި އެޅުމުގެ ތެރޭގައި ނަރުދަމާ ހޮޅިއެއް ފަޅައިގެން ގޮސް ނަޖިސްތައް ލީކުވުމުގެ މައްސަލައެއް ދިމާވި އެވެ. އަދި އެކަން ހައްލުވި އިރު މޫސުމް ވަރަށް ބޮޑަށް ގޯސްވެ، މަސައްކަތް ލަސްވެގެން ދިޔަކަން ހަސަން ފާހަގަ ކުރެއްވި އެވެ.

"މަގުހެދުމުގެ މަސައްކަތަކީ ވެލިގަނޑު ވަރަށް ރަނގަޅު ކޮންޑިޝަންއެއްގައި އޮވެގެން ކުރެވޭނެ ކަމެއްނޫން. އެހެންވެ، މޫސުމް މިހެން އޮއްވައި، ރަނގަޅު ފެންވަރެއްގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެބަޖެހޭ ކެއްތެރިކަމާއެކު މަޑުކުރަން،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމުމަށް، މިހާރު ވެސް ދެ ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަތައް ދިމާނުވި ނަމަ ދެ ހަފުތާތެރޭގައި ހޮޅި އަޅައި، ގާއެތުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނީހެވެ.

ހައުސިން މިނިސްޓްރީގެ އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވީ މޫސުމް އޮތްގޮތުން މަސައްކަތް ނިމޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު މި މަސައްކަތުގެ ދެވަނަ ފޭސްގައި އަޅާ ހޮޅިތަކުގެ މަސައްކަތް، އެމްއެންޑީއެފާއި އެމްޑަބްލިއުއާ މަޝްވަރާކޮށްގެން އަވަސް ކުރެވޭތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.