އިތުރު 20 ވެންޓިލޭޓަރު މެޑްޓެކުން ގެނެސްފި
އިތުރު 20 ވެންޓިލޭޓަރު މެޑްޓެކުން ގެނެސްފި

ކޮވިޑާ ގުޅިގެން ރާއްޖެ ގެންނަން އެކި ފަރާތްތަކާ ހަވާލުކުރި ވެންޓިލޭޓަރުގެ ތެރެއިން މެޑްޓެކާ ހަވާލުކުރި އިތުރު 20 އައިސީޔޫ ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

މިފަހަރު ގެނައި 20 ވެންޓިލޭޓަރުގެ ތެރެއިން ދެ ވެންޓިލޭޓަރު ޑެލިވާ ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފީހަށެވެ. އެއީ ޑަބްލިއުއެޗްއޯ އާ ގުޅިގެން މެޑްޓެކުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ޑެލިވާ ކުރާ ދެ ވެންޓިލޭޓަރު ކަމަށް މެޑްޓެކް އިން ބުނެ އެވެ.

މެޑްޓެކާ ހަވާލުކޮށްފައި ވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން ފުރަތަމަ 18 ވެންޓިލޭޓަރު ގެނެސްފައި ވަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ. އަދި މިއީ އެ ކުންފުނިން ގެންނަން ހަވާލުވެފައިވާ ވެންޓިލޭޓަރުގެ ދެ ވަނަ ބެޗެވެ. އެހެންކަމުން މިހާރު އެވަނީ ޖުމްލަ 38 ވެންޓިލޭޓަރު ގެނެސްފަ އެވެ. ބާކީ ގެންނަން ހަމަޖެހިފައި ވަނީ 12 ވެންޓިލޭޓަރެވެ.

އަލަށް ގެނައި ބެޗުގައި ހިމެނެނީ އެމެރިކާގެ ޖީއީ ހެލްތުކެއާ އާއި ސްވިޒަލޭންޑްގެ އައިއެމްޓީ މެޑިކަލް އިން އުފައްދާފައިވާ ވެންޓިލޭޓަރެވެ. އެއީ އެމެރިކާގެ އެފްޑީއޭ އެޕްރޫވްޑް އަދި މެޑިކަލް އިއުއިޕްމަންޓް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުންޏެވެ.

އަލަށް ގެނައި ވެންޓިލޭޓާރުތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށް، އެ އެއްޗެހި އިންސްޓޯލް ކުރަން ތައްޔާރުވެފައިވާއިރު، ބާކީ ވެންޓިލޭޓަރުތައް ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ރާއްޖެ އަށް ގެންނާނެ ކަމަށް މެޑްޓެކް އިން ބުނެ އެވެ. އެގޮތުން އެ ވެންޓިލޭޓަރުތައް ވެސް މި މަހުގެ މެދުތެރޭގައި ރާއްޖެ އަށް ގެންނާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މި ބަލީގައި އެންމެ ބޮޑުވަރުވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތްތައް ފަހި ކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ އަދަދެއްގެ އައިސީޔޫ ވެންޓިލޭޓަރު ގެންނަން ނިންމައިފަ އެވެ. ސަރުކާރުން ގެންނަ ވެންޓިލޭޓަރުތަކުގެ އިތުރުން، ޗައިނާ އާއި ރާއްޖޭގައި ރިސޯޓުތައް ހިންގާ ބޭރުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ވެންޓިލޭޓަރުތައް ހަދިޔާކޮށްފައި ވެސް ވެ އެވެ.