02 ޖުލައި 2020 - 10:00

ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދެތެރޭ ފިޔަވަޅު އަޅާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަކީ އެފްއޭއެމަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާކަމެއް ކަމަށާއި އެކަން ކުށްވެރިކުރާކަމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ބުނެފި އެވެ.
އާޒިމްގެ ގަރާރު މަޖިލީހަށް ބަލައިގަނެ، އޭގެ އަށް ބަހުސްތަކެއް ވެސް ކުރެވިފައިވަނިކޮށް ފީފާ އިން ވަނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ފޯރާނަމަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރުދީފަ އެވެ. މިދިޔަ އަހަރު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމާ ދެމެދު މައްސަލަ ގޯސްވެގެންދިޔައިރު، ވެސް ވަނީ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ދީފަ އެވެ.
އާޒިމްގެ ގަރާރާ ދެކޮޅަށް ބަޔާން ނެރުނީ މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީންނެވެ.
މާޒިޔާ އިން ބުނެފައިވަނީ މިއީ ދިވެހި ސަރުކާރާއި އެފްއޭއެމުން ގުޅިގެން ރަނގަޅަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމުގެ ގޮތުން ކުރެވޭ ކަމެއްގެ ގޮތުގައި އެ ކްލަބުން ދެކޭ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅުނު ގަރާރަކީ ކުޅުންތެރިންގެ މުސާރަ ނުދޭތީ އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް މައްސަލައާ ވެސް ގުޅުން ހުރި ކަމެއްކަމަށް މާޒިޔާ އިން ދެކެ އެވެ.
"މި މައްސަލައިގައި ކްލަބުން ކަންބޮޑުވާ ކަމަކީ މެމްބަރު އަލީ އާޒިމް އަކީ ވާދަވެރި ކްލަބެއްގެ (ނިއު ރޭޑިއަންޓްގެ) ކުރީގެ ޗެއާމަނަކަށްވެފައި، އެ ކްލަބަށް މި ވަގުތު ދިމާވެފައިވާ ހާލަތުގެ ސަބަބުން، އަމިއްލަ މަސްލަހަތު އިސްކޮށް ޒާތީ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަނާއި އެހެން ކްލަބްތަކާއި މުޅި ފުޓްބޯޅަ އާއިލާ އަށް ގެއްލުންވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ގަބޫލުކުރުމުގެ ޖާގަ އޮތުމުންނެވެ،" މާޒިޔާގެ ބަޔާނުގައިވެ އެވެ.
ކްލަބް އީގަލްސް އިން ބުނެފައިވަނީ މި ގަރާރަކީ މިއަދު ބާއްވަން ނިންމާފައިވާ އެފްއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި މިއީ މެމްބަރު އަލީ އާޒިމް ސިޔާސީ ގޮތުން އަމިއްލަ މަސްލަހަތަށް ކުރާ ކަމެއް ކަމަށް އީގަލްސް އިން ތުހުމަތުކުރެ އެވެ.
"ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވެ ހުރެ، އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އަދި ކުޅިވަރު ގާނޫނުން ސާފުކުރަންޖެހޭ ކަންކަން ރަނގަޅަށް ސާފުކުރުމެއްނެތި ސީދާ އެފްއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރިކަމެއް ކަމަށް މި ކްލަބުން ދެކެމެވެ،" އީގަލްސްގެ ބަޔާނުގައިވެ އެވެ.
ޓީސީން ބުނެފައިވަނީ އިންތިހާބަށް ދެ ދުވަސް ވެފައި ވަނިކޮށް ސިޔާސީ މަގުސަދެއްގައި މި ފަދަ ކަމެއް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މި ފަދަ ކަންތައް ނުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ޓީސީން ބުނެފައިވެ އެވެ.
"ފުޓްބޯޅަ ކުޅެގެން އާމްދަނީ ހޯދަމުންދާ އެތަކެއް ޒުވާނުންގެ މުސްތަގުބަލަށް ނުވިސްނާ ދިވެހިރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރުމުގެ ނިޔަތުގައި ސިޔާސީ ބޭފުޅެއް މިކަން ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުކުރެވޭނެ ކަމެއް ނޫނެވެ،" ޓީސީގެ ބަޔާނުގައިވެ އެެވެ.
ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މި ގަރާރަކީ ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ދާން މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ސިޔާސީ ބަޔަކު މީގެ ތެރެއަށް ވަންނަން ކުރި މަސައްކަތެއް ކަމަށެވެ. އަދި މި ފަދަ ކަންކަމުގެ ސަބަބުން ގެއްލުންވަނީ ކްލަބްތަކަށް ކަމަށާއި އެ ފަދަ ކަންކަން ނުކުރުމަށް ވަނީ އެދިފަ އެވެ.
އާޒިމްގެ ގަރާރުގައި ޖުމްލަ ހަ ނުކުތާއެއް ފާހަގަކުރައްވައި، ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އަދި އެ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
އާޒިމް މަޖިލީހުގައި ވިދާޅުވީ އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަދެއްޖެ ނަމަ ފީފާ އިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާގެ ބޭނުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށާއި މައްސަލައަކީ ގާނޫނުގައިވާ ގޮތަށް އެފްއޭއެމްއާ މެދު ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނަރު ފިޔަވަޅު އަޅާފައި ނެތުން ކަމަށެވެ.
މިއަދު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމާ ދެކޮޅަށް ވާދަވެރިއަކު ނުކުންނާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެކަން އެގޮތަށް ނުވި އެވެ. އެފްއޭއެމްގެ "ލެޓްސް ޓޯކް ފުޓްބޯލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ވާދަވެރިއަކު ނުނުކުތީ ކްލަބްތަކުގެ ތާއީދު ނުލިބުމުން ކަމަށް ވެދާނެ ކަމަށާއި އޭނާ އިތުރު ދައުރަކަށް ވާދަކުރަން ނިންމި އެއް ސަބަބަކީ ވެސް ގިނަ ކްލަބްތަކުން އެ ގޮތަށް އެދޭތީ ކަމަށެވެ.
މިދިޔަ އަހަރު ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް ދެމެދުގައި މައްސަލަ ހޫނުވި ދަނޑިވަޅެއްގައި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ވަނީ ބައްސާމަށް އޮތް ތާއީދު ހާމަކުރުމުގެ ގޮތުން އެކުގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
ވޯޓަށް އަހާނީ ބައްސާމް އަދި އޭނާ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުއްވި ޓީމަށް އެއްކޮށެވެ. ބައްސާމްގެ ޓީމުގައި ގިނަ އަދަދަކަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ އޮފިޝަލުން ހިމެނެ އެވެ. އެ ގޮތުން އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ބައްސާމް ހުށަހަޅުއްވާފައިވަނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރުގެ ނަމެވެ. ނައިބް ރައީސަކަށް ހުށަހެޅުއްވީ މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ.
އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހުށަހެޅުއްވީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަދި ޓީސީގެ އިސް ހިންގުންތެރިޔާ އަހުމަދު ނަޝީދު (ޑޭވް) އާއި މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއުގެ ނަމެވެ.