01 ޖުލައި 2020 - 15:18

ބިހާރު (ޖުލައި 1) - އިންޑިއާގެ އުތުރުގެ ބިހާރު ސްޓޭޓުގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރޭން 111 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެންޑީޓީވީން ބުނީ ޖޫން 16 ވަނަ ދުވަހު ކައިވެނި ޕާޓީ ބޭއްވިތާ އެއް ދުވަސް ފަހުން ފިރިމީހާ މަރުވެފައިވާ ކަމަށެވެ. އޭނާ ޓެސްޓްކޮށްފައި ނުވާތީ މަރުވީ ކޮވިޑް-19 ޖެހިގެން ކަމެއް ނޭނގެ އެވެ.
ކައިވެނި ޕާޓީ އަށް ފިރިމީހާ ދިޔައީ ގާތްގަނޑަކަށް 1،095 ކިލޯ މީޓަރު (680 މޭލު) ގެ ދިގު ދަތުރެއް ކޮށްފަ އެވެ. އެ ޕާޓީގައި 350 މީހުން ބައިވެރިވި އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެ ޕާޓީގައި ބައިވެރިވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ކަމާބެހޭ ފަރާތްތަކުން މިދިޔަ ހަފުތާގައި ހަދާފައިވާ ކަމަށެވެ. އަދި 50 މީހުންނަށް ވުރެ ގިނައިން ޕާޓީތަކުގައި ބައިވެރިވުން މަނާކޮށްފައި ވަނިކޮށް އެހާ ގިނަ މީހުން އެ ޕާޓީ އަށް ދިޔަ މައްސަލަ ތަހުގީގު ކުރަން ވެސް ވަނީ ފަށައިފަ އެވެ.
ބިހާރު ސްޓޭޓުން ވަނީ 9،500 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 60 މީހުން މަރުވެފަ އެވެ. އިންޑިއާ އިން މިހާތަނަށް ވަނީ 585,792 މީހުން ޕޮޒިޓިވްވެ 17,410 މީހުން މަރުވެފަ އެވެ.