ބޮލީވުޑްގެ ތަރިން ފިލްމު ކުޅެދޭ އަގު ބޮޑު ނުކުރަން ޕްރޮޑިއުސަރުން އެދެނީ
ބޮލީވުޑްގެ ތަރިން ފިލްމު ކުޅެދޭ އަގު ބޮޑު ނުކުރަން ޕްރޮޑިއުސަރުން އެދެނީ

ކޮވިޑް-19 އަށް ފަހު ފިލްމީ މަސައްކަތްތައް އަލުން ފަށައިގަންނަ އިރު، ބޮލީވުޑްގެ ފިލްމީ ތަރިން ފިލްމު ކުޅެދޭ އަގު ބޮޑުނުކުރަން ގޮވާލަން ފަށައިފި އެވެ.

ނަން ނުޖަހާ ގޮތަށް ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައި ވަނީ ކޮވިޑަށް ފަހު، ފިލްމީ މަސައްކަތްތައް އަލުން ފެށުމާ އެކު، ފިލްމީ ތަރިން ކިޔާ އަގު ބޮޑުކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. ހާއްސަކޮށް މަޝްހޫރު އޭ-ލިސްޓް ތަރިން އަގު ބޮޑުކޮށްފާނެ ބިރު އޮތް ކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ވެސް ބަތަލުންގެ އަގު ބޮޑުކޮށްފާނެ ކަމަށް ބޮޑަށް ބެލެވޭ ކަމަށް ބައެއް ޕްރޮޑިއުސަރުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އަށް ވާހަކަ ދެއްކި ޕްރޮޑިއުސަރަކު ވަނީ ކޮވިޑްގެ ކުރިން ފިލްމީ ތަރިން ފިލްމުތައް ކުޅެމުން ދިޔަ އަގަށް އެއްވެސް ބަދަލެއް ނުގެނައުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ސިނަމާތައް ބަންދުކުރަން ޖެހި، ފިލްމުތައް ރިލީޒްނުކުރެވުމާއި ކުރިން ރާވާފައި ހުރި ޕްލޭންތަކާ އެއްގޮތަށް ކޮވިޑާ ހެދި އެތައް ޕްރޮޖެކްޓެއް މަޑުޖައްސައިލަން ޖެހުމަކީ ޕްރޮޑިއުސަރުންނަށް މާލީ ގޮތުން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"އެހެންވެ ކޮވިޑަށް ފަހު، އަލުން މި ދާއިރާ އަށް ކޮޅަށް ޖަހަން މަސައްކަތްކުރާ އިރު، ފިލްމީ ތަރިން ފިލްމު ކުޅެދޭ އަގު ބޮޑުނުކުރުމަކީ ވަރަށް މުހިއްމު ކަމަކަށްވާނެ،" ނަން ނުޖަހާ ގޮތަށް ޕްރޮޑިއުސަރަކު ބުންޏެވެ. "ކުރިން ކިޔާހާ އަގެއް ދެވުނު ނަމަވެސް ކުރިއަށް އޮތް މި ދުވަސްތަކުގައި އެއީ ކުރެވޭނެ ކަމަކަށް ނުވާނެ."

އެހެން ޕްރޮޑިއުސަރަކު ބުނިގޮތުގައި އަގު ބޮޑުކުރުމުގެ ބަދަލުގައި މިފަދަ ހާލަތެއްގައި ތަރިން ކުރަން ޖެހޭނެ ކަމަކީ އަގު ދަށްކުރުން ކަމަށެވެ.

ބޮލީވުޑްގައި އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ ބަތަލުންގެ އެންމެ ކުރީގައި ގުނައިލެވޭ ފަންނާނުންގެ ތެރޭގައި އަކްޝޭ ކުމާރާއި އާމިރު ޚާނާއި ސަލްމާން ޚާނާއި ޝާހްރުކް ހާން ފަދަ ތަރިން ހިމެނެ އެވެ. ބޮލީވުޑަކީ ބަތަލުންނާ އަޅާބަލާ އިރު، ބަތަލާއިންނަށް ނިސްބަތުން ވަރަށް ކުޑަ އުޖޫރައެއް ލިބޭ އިންޑަސްޓްރީއެކެވެ.

އެންމެ އަގު ބޮޑުކޮށް ފިލްމު ކުޅޭ ބަތަލާއިންގެ ތެރޭގައި ކަންގަނާ ރަނާވަތާއި ކަރީނާ ކަޕޫރާއި ދީޕިކާ ޕަދްކޯން އަދި ކެޓްރީނާ ކެއިފް ފަދަ ތަރިން ހިމެނެ އެވެ.

ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއް ތަރިންނަކީ މިހާރު އެ މީހުން ކުޅޭ ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވެ، ފިލްމުން ލިބޭ އާމްދަނީ ބައިއަޅާ ގޮތަށް އެއްބަސްވާ ތަރިންނެވެ.