01 ޖުލައި 2020 - 14:23

އިންޓަނޭޝަނަލް ފިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބީއެމްއެލަށް 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 771 މިލިއަން ރުފިޔާ) އާ ހަމައަށް ލޯނު ދޭން ނިންމައިފި އެވެ.
ޓޫރިޒަމް ދާއިރާގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އައިއެފްސީން ބީއެމްއެލް އަށް ލޯނު ދޭނީ ތިން ބަޔަކަށް ބަހާލަައިގެންނެވެ. އެގޮތުން، ފުރަތަމަ ބައިގެ ގޮތުގައި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ ލޯނު ދޭން މިއަދު ވަނީ އެއްބަސްވެފަ އެވެ.
މިއީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ގެއްލުން ވަމުން ދާ ގައުމުތަކަށް އެހީވުމުގެ ގޮތުން އައިއެފްސީން ފޯރުކޮށްދޭ އެހީގެ ދަށުން ދޭ ލޯނެކެވެ. މި އެހީގެ ދަށުން ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ސަޕްލަޔަރުންގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ވޯކިން ކެޕިޓަލް ހަމަޖެހިގެންދާނެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. އެހެންކަމުން މި އެހީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އައިއެފްސީން ގަބޫލުކުރެ އެވެ.
އައިއެފްސީން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅައިފައި ހުންނަ މެނޭޖަރު އަމީނާ އާރިފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކަށް އައިއެފްސީން އަބަދު ވެސް އެހީވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވިގޮތުގައި މިހާރު ވެސް އެ ބޭންކުން އަންނަނީ ވިޔަފާރިތަކަށް އެހީވުމަށް ޝޯޓް ޓާމް ފައިނޭންސިން ޕްރޮގްރާމެއް ތައްޔާރުކުރަމުންނެވެ. މި ޕްލޭނުގެ ދަށުން ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް މި ވަގުތު ބޭނުންވާ ވޯކިން ކެޕިޓަލް ހަމަޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައިއެފްސީގެ މި އެހީއަކީ މި ވަގުތަށް ވަރަށް ބޭނުވެފައި އޮތް އެހީއެއް. ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން މިހާރު ވެސް މިދަނީ ކޮވިޑް-19ގެ ސަބަބުން ގެއްލުންވި ވިޔަފާރިތަކަށް އެހީވުމަށް ފައިނޭންސް ހަމަޖައްސަމުން،" ޓިމް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތުމާ ގުޅިގެން 22،000 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުންނަށް މާލީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ޔޫއެންޑީޕީއާ އިކޮނޮމިކް މިނިސްޓްރީން ކުރި ސާވޭއަކުން ވަނީ ދައްކައިފަ އެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އަމިއްލަ މަސައްކަތްތަށަ ކުރާ މީހުން ވެސް ހިމެނެ އެވެ.