އިންޑިއާގައި ކޮވިޑްގައި މަރުވި ބަޔަކު ވަޅަކަށް އުކާލި މައްސަލަ ބޮޑުވެއްޖެ
އިންޑިއާގައި ކޮވިޑްގައި މަރުވި ބަޔަކު ވަޅަކަށް އުކާލި މައްސަލަ ބޮޑުވެއްޖެ

ބެންގަލޫރު (ޖުލައި 1) - ކޮވިޑް-19 ގައި މަރުވި ބަޔަކު އިންޑިއާގެ ކަރްނާޓަކާ އިން ވަޅަކަށް އުކާލި މަންޒަރުގެ ވީޑިއޯތައް އާއްމުވުމުން އެ މައްސަލަ ހޫނުވުމުން ސްޓޭޓުގެ އޮފިޝަލުން މާފަށް އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަނީ ޕީޕީއީ ކިޓުގައި ތިބި ބަޔަކު، ގާބޭޖް ބޭގަކަށް ލާފައި އޮތް މީހެއްގެ ހަށިގަނޑު ވަޅަކަށް އެއްލާލާ މަންޒަރެވެ. ކަރްނާޓަކާ ސްޓޭޓުގެ ބެލަރީ ޑިސްޓްރިކުގެ އޮފިޝަލުން ވަނީ އެއީ ސައްހަ ވީޑިއޯއެއް ކަމަށާއި އެގޮތަށް ކަންތައް ކުރެވުނީތީ އާއިލާތަކުގެ ކިބައިން މާފަށް އެދިފަ އެވެ.

ވަޅަށް އެއްލާލާފައި ވަނީ ކަރްނާޓަކާ އިން ކޮވިޑް-19 ގައި މަރުވި އަށް މީހެއްގެ ހަށިގަނޑެވެ. ކޮވިޑް-19 ޖެހިގެން ކަރްނާޓަކާ އިން ވަނީ 246 މީހުން މަރުވެފަ އެވެ. ނަމަވެސް ކަރްނާޓަކާ އަކީ އިންޑިއާގައި އެންމެ ރަނގަޅަށް ކޮރޯނާވައިރަސް މެނޭޖްކުރި އެއް ސްޓޭޓް ވެސް މެ އެވެ.

"މަރުވި މީހުންގެ އާއިލާތަކުގެ ކިބައިން މާފަށް އެދި ސިޓީ ފޮނުވާފައި ވާނީ. އެ މަންޒަރުން އަހަރެމެންގެ ހިތްތަކަށް ވެސް ވަރަށް އަސަރުކޮށްފި. މަރުވެފައިވާ ބަޔަކާ މެދު ކަންތައް ކުރި ގޮތް ކުށްވެރި ކުރަން. މަރުވި މީހުންނާ މެދު ކަންތައް ކުރަން ޖެހޭނީ އިންސާނީ ކަރާމަތާ އެކު،" ޑިސްޓްރިކްޓުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ އެސްއެސް ނަކުލާ ވިދާޅުވި އެވެ. "އެ މީހުން ކަންތައް ކޮށްފައި ވަނީ ޕްރޮޓޮކޯލާ އެއްގޮތަކަށް ނޫން."

އޭނާ ވިދާޅުވީ ވީޑިއޯ އިން ފެންނަ މީހުން ވަޒީފާ އިން ވަކިކޮށް، އާ ޓީމެއް އެކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 585,792 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 17,410 މީހުން މަރުވެފަ އެވެ.