01 ޖުލައި 2020 - 13:32

ނިއު ދިއްލީ (ޖުލައި 1) - ކޮރޯނާވައިރަހަށް އިންޑިއާ އިން އުފައްދާ ވެކްސިންގެ ޓްރަޔަލްތައް އިންސާނުން ބޭނުންކޮށްގެން މި މަހު ފަށަން ތައްޔާރުވެއްޖެ އެވެ.
ހައިދަރުއާބާދުގެ ކުންފުނި ބާރަތު ބަޔޯޓެކް އިން އުފައްދާ ވެކްސިން ޓެސްޓް ކުރަން ދޭނެ މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ. ޖަނަވާރުން ބޭނުންކޮށްގެން ކުރި ވެކްސިންގެ ތަހުލީލުތައް ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ، ކޮރޯނާވައިރަހަށް 120 އަށް ވުރެ ގިނަ ވެކްސިން ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ގާތްގަނޑަކަށް ހަ ކުންފުންޏަކުން ވެސް އަންނަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ބާރަތު ބަޔޯޓެކުން އުފައްދާ ވެކްސިނަށް ދީފައިވާ ނަމަކީ ކޮވެކްޒިން އެވެ. ބާރަތު ބަޔޯޓެކުގެ ޗެއާމަން ޑރ. ކްރިޝްނާ އެއްލާ ވިދާޅުވީ ވެކްސިން އުފައްދަނީ އިންޑިއާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް ވައިރޮލޮޖީ އާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް ގުޅިގެން ކަމަށެވެ. ބާރަތުން ވަނީ އެޗް1އެން1 އަށް ވެސް ވެކްސިނެއް އުފައްދައިފަ އެވެ.
ބާރަތުގެ އިތުރުން އިންޑިއާގެ ޑައިޑަސް އާއި ބަޔޮލޮޖިކަލް އީ، އިންޑިއަން އިމިއޮނޮލޮޖީސް އަދި މީންވެކްސް އިން ވެސް އަންނަނީ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ޕޫނޭގެ ސީރަމް އިންސްޓްޓިއުޓް އިން ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފައްދަން ނިންމައިފަ އެވެ.
ގިނަ ތަޖްރިބާކާރުން ބުނަނީ ކޮރޯނާވައިރަހަށް ވެކްސިނެއް ލިބޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.