ނަޝީދު ޑިކްޓޭޓަރަކަށް ވެއްޖެ: ޖަމީލް
ނަޝީދު ޑިކްޓޭޓަރަކަށް ވެއްޖެ: ޖަމީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރިހަމަ ޑިކްޓޭޓަރަކަށް ވެ ނިމިއްޖެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިނާއީ ތަހުގީގުތައް ރައްޔިތުންގެ މަޖިލީހުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ކޯޓުތަކުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް ވަދެ ރާއްޖޭގެ އިސްލާހީ މަސައްކަތް ކިލަނބުކޮށް، ސިޔާސީ ޝިކާރައަކަށް ހަދާފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"ޕޮލިސް ކޮމިޝަނަރާއި، ބޮޑު ފަނޑިޔާރު މަނިކުފާނަކީ ވެސް މަޖިލިސް ރައީސަށް ވުމުން ފުރިހަމަ ޑިކްޓޭޓާ އަކަށް ވެ ނިމުނީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ކުށްތަކުުގެ ގޮތުގައި ދެން ތަހުގީގުކުރާނީ ވެސް ރައްޔިތުންގެ މަޖިލީހުންނާއި ޕާޓީގެ އެކްޓިވިސްޓުން ބޭނުންވާ ވަކި ކުށްތަކެއް އެކަނި ކަމަށެވެ. ވަކި ކުށެއް ކުށަކަށް ނުވާ މަންޒަރު ފޮޓޯތަކުން ފެންނަން ފަށާފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު އެ މައްސަލަ ހިނގައިދިޔަގޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ބަލަން ފަށައިފަ އެވެ.

މި މައްސަލައިގެ ތަހުގީގުތައް ނުނިމެނީސް ރައްޔިތުންގެ މަޖިލީހުން މައްސަލައިގެ ތެރެއަށް ވަދެ މައްސަލަ ބަލަމުންދާތީ ގިނަ ބަޔަކު ވަނީ މަޖިލީހުން ނުފޫޒު ފޯރުވަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ބާ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.