ހޮން ކޮންގުގެ ސަލާމަތާ ބެހޭ ގާނޫނު: ޗައިނާ އަށް ނުރުހުން
ހޮން ކޮންގުގެ ސަލާމަތާ ބެހޭ ގާނޫނު: ޗައިނާ އަށް ނުރުހުން

ލަންޑަން (ޖުލައި 1) - ހޮން ކޮންގުގެ ސަލާމަތާ ބެހޭ ގޮތުން ޗައިން އިން ފާސްކުރި ގާނޫނަށް އިނގިރޭސި ވިލާތާއި އީޔޫ އަދި ނޭޓޯ އިން ނުރުހުން ފާޅު ކުރަން ފަށައިފި އެވެ.

ޗައިނާގެ ޕާލަމެންޓުން ފާސްކުރި ގާނޫނުގެ ސަބަބުން ހޮން ކޮންގުގައި ޓެރަރިޒަމް ހުއްޓުވުމާއި ބޭރު ބަޔަކު ހޮން ކޮންގެ ދާޚިލީ ކަންކަމާ ބެހޭ ނަމަ އެކަން ހުއްޓުވުމުގެ ބާރު ޗައިނާ އަށް ލިބިދިނުން ހިމެނެ އެވެ.

ހޮން ކޮންގުގެ ލީޑަރު ކެރީ ލަމް ވަނީ އެ ގާނޫނު ދިފާއު ކުރައްވައިފަ އެވެ. އަދި އެ ގާނޫނުގެ ސަބަބުން ހޮން ހޮންގުގެ ސަލާމަތީ ކަންކަމުގައި އޮތް ބޮޑު ބާގަނޑެއް ވެދިއްޖެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޗައިނާ އިން ބުނެފައި ވަނީ އެފަދަ ގާނޫނެއް ފާސްކުރަން ޖެހުނީ ހޮން ކޮންގުގައި ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެއީ ހޮން ކޮންގަށް ލިބިދީފައިވާ މިނިވަންކަން ނިގުޅައިގަތުމުގެ ގާނޫނެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވަނީ ޗައިނާ އިން ފަހަތަށް ޖެހި، ހޮން ކޮންގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް ގޮވާލައްވައިފަ އެވެ. ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް ވިދާޅުވީ ގާނޫނު ތަންފީޒް ކުރުމުގައި ހޮން ކޮންގަށް ލިބިފައިވާ މިނިވަންކަން، އެ ގާނޫނުގެ ސަބަބުން ގެއްލިގެންދާނެ ކަމަށެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގު ވިދާޅުވީ ޑިމޮކްރެސީ އާއި ގާނޫނު ތަންފީޒް ކުރުން އަދި މިނިވަންކަމަށް ޗައިނާ އިން އިހުތިރާމް ނުކުރާކަން ދޭހަވާ ކަމަށެވެ.

ޗައިނާ އިން ފާސްކުރި ގާނޫނާ މެދު ހިތާމަ ކުރާ ކަމަށް ޖަޕާނުން ވެސް ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުން ހޮން ކޮންގް ޗައިނާއާ ހަވާލުކުރި އިރު "ވަން ކަންޓްރީ، ޓޫ ސިސްޓަމް" ޕްރިންސްޕަލާ އެކު ބޭސިކް ލޯގެ ނަމުގައި ކޮންމެވެސް ވަރެއްގެ ގާނޫނު އަސާސީއަކަށް ވެސް އަމަލު ކުރުމަށް އެއްބަސްވެފައިވެ އެވެ. އެ ގާނޫނުގެ ދަށުން ހޮން ކޮންގުގައި ބައެއް ކަހަލަ ހައްގުތައް ރައްކާތެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމާއި މިނިވަން ޝަރުއީ ނިޒާމެއް ފަދަ ޗައިނާގެ ސަރަހައްދުތަކުގައި ނެތް ފަދަ ކަންތައްތަކެއް ހިމެނެ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ހޮން ކޮންގުގައި ވެސް، ބޭސިކް ލޯގެ 23 ވަނަ މާއްދާގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް އޮންނަން ޖެހެ އެވެ.