ޔޫރަޕުގެ ޖައްވީ އުޅަނދު މާސް އަށް ތިރިކުރަނިކޮށް ގެއްލިއްޖެ
ޔޫރަޕުގެ ޖައްވީ އުޅަނދު މާސް އަށް ތިރިކުރަނިކޮށް ގެއްލިއްޖެ

ޔޫރަޕުން ޖައްވަށް ފޮނުވި އުޅަނދު ސްކިއާޕެރެއްލީ މާސް އަށް ޖައްސަން އުޅެނިކޮށް އެއަށް ވީނޫވީއެއް ނޭނގި ގެއްލިއްޖެ އެވެ.

އުޅަނދުގެ ޓެލެމެޓްރީ ޑޭޓާ ދައްކާ ގޮތުން މާސް އަށް ތިރިކުރަނިކޮށް މާ އަވަހަށް ވަނީ އޭގެ ވައި ކުޑަ ހުޅުވިފަ އެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ބުނި ގޮތުގައި އުޅަނދު ވެއްޓުނީ ކަމަށް ގަބޫލްކުރަން އަދި އުނދަގުލެވެ. ތަޖްރިބާކާރުން އަދިވެސް އަންނަނީ ޑޭޓާ އެނަލައިޒް ކުރަމުންނެވެ. އަދި ރެޑް ޕްލެނެޓުގައި ސްކިއާޕެރެއްލީ ހަލާކުނުވެ ޖައްސާފައިވާނެ ކަމަށް ބައެއް ތަޖްރިބާކާރުން އުއްމީދު ވެސް ކުރެ އެވެ.

ސްކިއާޕަރެއްލާ މާސްގެ ބިމުގައި ސަލާމަތުން ޖައްސަން ގަޑިއަކު 21،000 ކިލޯ މީޓަރު (13،000 މޭލު) ގެ ދުވެލި ސުމަކަށް ތިރިކުރަން ޖެހެ އެވެ. އެކަން ކުރުމަށްޓަކައި އެ އުޅަނދުގައި، ހާއްސަ ރޮކެޓް އިންޖީނުތަކެއް ހަރުކޮށްފައިވެ އެވެ. އީއެސްއޭ އިން ބުނި ގޮތުގައި، ރޮކެޓްތައް ރޯވެ، ހިނގައިގަތް ކަމަށް ބެލެވެނީ، އެހާ ބާރު ސްޕީޑެއްގައި އެ ބިމަށް ވެއްޓެމުން ދިޔަ އުޅަނދު، ހުއްޓުވާލަން އެކަށީގެންވާ ވަރަށް ވުރެ ކުޑަ ވަގުތުކޮޅަކަށެވެ.

އަނެއްކޮޅުން މާސްގެ ބިމަށް އުޅަނދު ތިރިކޮށްފައިވޭތޯ ބަލަން އެމެރިކާގެ ސެޓެލައިޓްތައް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. މާސްގެ ޖައްވު ތެރޭގައި އެމެރިކާގެ ބައެއް ސެޓެލައިޓްތައް ހަރަކާތްތެރިވެ އެވެ.

ޓެލެމެޓްރީ ޑޭޓާ ދައްކާ ގޮތުން މާސްގެ އެޓްމޮސްފިއާ އަށް ސްކިއާޕެރެއްލީ ވަން އިރު ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅެވެ. އެކަމަކު ސްކިއާޕަރެއްލީގެ ވައި ކުޑަ މާ އަވަހަށް ދޫވުމުން މާސްގެ ބިމަށް މާ ބާރު ސްޕީޑުގައި ތިރިވެފައިވާ ކަމަށް ސައެންސްވެރިން ގަބޫލްކުރެ އެވެ. ނަމަވެސް މި ސްޓޭޖުގައި ސްކިއާޕަރެއްލީ އަށް ވީ ގޮތެއް ބުނެދޭން ސައެންސްވެރިންނަކަށް އަދި ނޭނގެ އެވެ.

ސްކިއާޕަރެއްލީގެ ސިގްނަލް "ގެއްލުމުގެ" ކުރިން ވަނީ 600 މެގަބައިޓުގެ ޑޭޑާ ފޮނުވައިފަ އެވެ.

ސްކިއާޕަރެއްލީ ރޮބަޓް ގެއްލިއްޖެ ނަމަ އެއީ އީއެސްއީ އަށް އަނެއްކާވެސް ލިބޭނެ ބޮޑު ދެރައެކެވެ. އެ އެޖެންސީން 2003 ގައި މާސްގެ ބިމަށް ފޮނުވި އުޅުނު ބީގްލް-2 ވަނީ ވެއްޓި ފުނޑިފަ އެވެ.

ސްކިއާޕެރެއްލީ މާސް އަށް ދިޔައީ އޭގެ "މައި އުޅަނދު" ކަމަށްވާ ޓްރޭސް ގޭސް އޯބިޓާ (ޓީޖީއޯ) އާ އެކު ހަތް އަހަރުގެ ދަތުރަކަށް ފަހު 496 މިލިއަން ކިލޯމީޓަރު (308 މިލިއަން މޭލު) ކަޑައްތުކޮށްފަ އެވެ.

ސްކިއާޕެރެއްލީ ގެއްލުމަކީ، މާ ބޮޑު ނާކާމިޔާބީއެއް ކަމަކަށް އީއެސްއޭ އަކުން ނުދެކެ އެވެ. ސަބަބަކީ އެއީ 2021 ގައި އެ އެޖެންސީން ފޮނުވަން މިހާރު ރާވަމުން އަންނަ މާ ބޮޑު ރޮބަޓެއްގެ ދަތުރުގެ ތަހުލީލުގެ ބަޔަކަށް ވާތީ އެވެ. ސްކިއާޕެރެއްލީ އަކީ އޭގެ ޒާތުގައި ކުޑަ އަދި ވަރަށް މަދު ތަހުލީލުތަކެއް ކުރަން ފޮނުވި އުޅަނދެކެވެ.