އެމެރިކާގައި ދުވާލަކު އެއްލައްކަ މީހުން ޕޮޒިޓިވްވެދާނެ: ފައުޗީ
އެމެރިކާގައި ދުވާލަކު އެއްލައްކަ މީހުން ޕޮޒިޓިވްވެދާނެ: ފައުޗީ

ވޮޝިންޓަން (ޖުލައި 1) - އެމެރިކާގައި ދުވާލަކު އެއް ލައްކަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެދާނެ ކަމަށް ވައިޓް ހައުސްގެ ކޮރޯނާވައިރަހާ ބެހޭ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި ދުވާލަކު އެއްލައްކަ މީހުން ޕޮޒިޓިވްވެދާނެ: ފައުޗީ
އެމެރިކާގައި ދުވާލަކު އެއްލައްކަ މީހުން ޕޮޒިޓިވްވެދާނެ: ފައުޗީ

ސެނެޓުގައި ވާހަކަ ދައްކަވަމުން ފައުޗީ ވިދާޅުވީ ބަލީގެ ކޮންޓްރޯލް މިހާރު ނެތް ކަމަށެވެ. އެމެރިކާގައި ގިނަ މީހުން އުޅެނީ މާސްކް ވެސް ނާޅައި އަދި ސޯޝަލް ޑިސްޓެންސިން ވެސް ނުބަހައްޓާ ކަމަށް ވިދާޅުވި އެވެ.

ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަން ޑިޒީޒްގެ ޑިރެކްޓަރު ވިދާޅުވީ އެމެރިކާގައި އަލަށް ޕޮޒިޓިވްވާ ކޭސްތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ހަތަރު ސްޓޭޓަކުން ކަމަށެވެ. އެއީ ފްލޮރިޑާ، އެރިޒޯނާ، ޓެކްސަސް އަދި ކެލިފޯނިއާ ކަމަށް ފައުޗީ ވިދާޅުވި އެވެ. އެމެރިކާގައި އިއްޔެ ވަނީ 46,042 މީހުން ޕޮޒިޓިވްވެފަ އެވެ. ވޭތުވެދިޔަ ފަސް ދުވަހަށް ބަލާ ނަމަ، ޕޮޒިޓިވްވި މީހުން 40،000 އަށް ވުރެ މައްޗަށް ވަނީ ހަތަރު ދުވަހު އަރައިފަ އެވެ.

ސެނެޓުގެ ހެލްތު ކޮމިޓީގައި ފައުޗީ ވިދާޅުވީ އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ސްކޫލްތަކާއި ވިޔަފާރިތައް ހުޅުވަމުން ދަނީ އެކަމަށް ކަނޑައަޅާފައި އޮންނަ މިންގަނޑުތަކާ ޚިލާފަށް ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކޭސްތައް އިތުރުވާ ކަމަށް ވިދާޅުވި އެވެ.

"ސާޖް އޮންނަ ވަކި ދިމާއަކަށް ފޯކަސްކޮގެން ނުތިބެވޭނެ. ސާޖެއް އުޅޭ ނަމަ މުޅި ގައުމު އެވަނީ ނުރައްކަލުގައި،" ފައުޗީ ވިދާޅުވި އެވެ.

އެމެރިކާ ސަރުކާރު ހިލޭ މާސްކް ބެހުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޑިރެކްޓަރު ރޮބާޓް ރެޑްފީލްޑް ވިދާޅުވީ އެމެރިކާގެ 12 ސްޓޭޓެއްގައި، ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ މީހުން އިތުރުވާ ކަމަށެވެ.

އެމެރިކާގައި މިހާތަނަށް ވަނީ 2,727,853 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 130,122 މީހުން މަރުވެފަ އެވެ.