30 ޖޫން 2020 - 18:42

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ކުރިން އުޅުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް-19 އާ ހެދި ފަސްކޮށްފައި ވާތީ، އިންތިހާބަށް ކުރިމަތިލި ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި އެވެ.
އިންތިހާބު ފަސްކޮށްފައިވާތީ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ނަން އަނބުރާ ގެންދަން ހުޅުވާލި ފުރުސަތުގައި ޖުމްލަ ފަސް ކެންޑިޑޭޓުން ނަން ގެންގޮސްފައިވާ ކަމަށެވެ.
ނަން ގެންގޮސްފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި، އެމްޑީޕީގެ ދެ ކެޑިޑެޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ދެ ކެޑިޑޭޓެކެވެ.
ށ. މަރޮށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑި / ކެންޑިޑޭޓް ނަމްބަރު 8 ނަސްފާ މުހައްމަދު ސައީދު / ޕީޕީއެމް
އއ. ބޮޑުފުޅަދޫ ކައުންސިލް / ކެންޑިޑޭޓް ނަމްބަރު 8 ހަސަން ނާފިއު / އެމްޑީޕީ
ނ. މާޅެންދޫ ކައުންސިލް / ކެންޑިޑޭޓް ނަމްބަރު 10 މުހައްމަދު ރަޝީދު / އެމްޑީޕީ
ގއ. ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑި / ކެންޑިޑޭޓް ނަމްބަރު 9 ފާތިމަތު ސާއިގާ ހާލިދު / އަމިއްލަ
ލ. މާވަށު ކައުންސިލް ރައީސް / ކެންޑިޑޭޓް ނަމްބަރު 5 އަބްދުލްމަޖީދު މާހިރު / އަމިއްލަ
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން އިންތިހާބު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށް އެކަމާ ހާއްސަ ގާނޫނެއް ހަދައި ގާނޫނުއަސާސީ އަށް ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ބަދަލު ގެނެސްފަ އެވެ. މި ބަދަލާ އެކު، އަންނަ އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އީސީން ބުނި ނަމަވެސް އަދި ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ.