21 އޮކްޓޯބަރ 2016 - 06:26

ހިމާޔަތްކޮށްފައިވާ ދެ ޖަނަވާރެއް ޝިކާރަކުރިކަމުގެ ދައުވާ ފިލްމީ ތަރި ސަލްމާން ޚާންގެ މައްޗަށް 1998 އިން ފެށިގެން ކުރަމުން ގޮސް މިއަހަރުގެ ޖުލައި މަހު ރާޖަސްތާނު ހައިކޯޓުން ވަނީ އެ ކަމުގައި ސަލްމާން ކުށްވެރި ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ. ނަމަވެސް ރާޖަސްތާން ސަރުކާރުން އަދިވެސް މި މައްސަލަ ދޫކޮށްލާކަށް ގަސްދެއް ނުކުރެ އެވެ. މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ސަލްމާން ކުށްވެރިކުރަން ރާޖަސްތާނުން ވަނީ ކަމަރު ބަނދެފަ އެވެ.
މި މައްސަލަ ރާޖަސްތާނު ހައިކޯޓުން ނިމުމާ ގުޅިގެން ހަރީޝް ދުލާނީ ކިޔާ މީހަކު ވަނީ ސަލްމާނާ ދެކޮޅަށް މީޑިއާގައި ވާހަކަ ދައްކާފަ އެވެ. އޭނާއަކީ ސަލްމާން އާއި އޭނާގެ ބައިވެރިން ޖޫދްޕޫރް ޖަންގަލީގައި ޖަނަވާރު ޝިކާރަކުރަން އުޅުނުއިރު އެމީހުން ތިބި ވެހިކަލްގެ ޑްރައިވަރެވެ. އޭނާ ބުނެފައިވާ ގޮތުގައި ސަލްމާން ޖަނަވާރަށް ބަޑިޖެހިތަން އޭނާ އަށް ފެނުނެވެ.
ދުލާނީ އަކީ މި މައްސަލައިގައި ސަލްމާނާ ދެކޮޅަށް ހެދިބަސް ދޭ މީހަކަށް ވީއިރު ސަލްމާން ކުށެއް ނެތް ކަމަށް ނިންމި ޝަރީއަތުގެ މަޖިލީހަށް ދުލާނީ ހާޒިރުކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ ވާހަކަތަކަށް އެއްގޮތަކަށް ވެސް ރިއާޔަތް ކޮށްފައެއް ނުވެ އެވެ.
ސަލްމާންގެ މައްޗަށް މި ކުރާ ދައުވާ އަކީ 1998 ގައި "ހަމް ސާތު ސާތު ހޭ" ކުޅެން ޖޯދްޕޫރުގައި އެ ފިލްމުގައި ބައިވެރިވާ ކުރޫ ގޮސް ތިބިއިރު ސަލްމާނާއި އެ ފިލްމުގައި ބައިވެރިވާ ބައެއް އެހެން ތަރިން ޖަންގައްޔަކަށް ގޮސް އުޅުމުގެ ތެރޭގައި، ހިމާޔަތްކޮށްފައިވާ ދެ ޖަނަވާރަކަށް ސަލްމާން އަމިއްލައަށް ބަޑި ޖެހިކަމުގެ ތުހުމަތުގައި ކުރާ ދައުވާ އެކެވެ.