ސީރިއާގެ ރައީސް އަސަދަށް އެހީވާ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
ސީރިއާގެ ރައީސް އަސަދަށް އެހީވާ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ބްރެސަލްސް (އޮކްޓޯބަރު 20) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް އެހީވާ ގައުމުތަކަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވިސްނަމުންދާ ކަމަށް ބުނެފި އެވެ.

ބްރަސަލްސްގައި މިއަދު ފަށާ އީޔޫގެ ގައުމުތަކުގެ ސަމިޓަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސީރިއާ ސަރުކާރުން ހިންގާ ޖަރީމާތައް ކުރިއަށް ގެންދާ ނަމަ ރައީސް ބައްޝާރުލް އަސަދަށް އެހީވާ ގައުމުތަކާއި ވަކި ފަރުދުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ރަޝިޔާ އަށް އަމާޒުކޮށް އަޅަން ރާވަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.

އީޔޫގެ ޚާރިޖީ ވަޒީރުން ހޯމަ ދުވަހު ވަނީ އަސަދުގެ ސަރުކާރަށް ވާގިވެރިވާ ސީރިއާގެ ވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަޝްވަރާ ކޮށްފަ އެވެ.

ސީރިއާ އަށް ވާގިވެރިވަމުންދާ ގައުމުތަކީ ރަޝިޔާގެ އިތުރުން އީރާނެވެ. ސީރިއާގެ ހަލަބު ސިޓީގައި ސަރުކާރާ ދެކޮޅު ފަރާތްތަކަށް އެންމެ ވަރުގަދަ އަށް ވައިގެ ހަމަލާތައް ދެމުން ގެންދަނީ ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުތަކުންނެވެ.

"ހަލަބުގެ އާއްމުންނާ ދެކޮޅަށް ރަޝިޔާ އާއި ސީރިއާ އިން ދޭ ހަމަލާތައް ޔޫރަޕިއަން ކައުންސިުން ކުށްވެރިކުރަން،" ސަމިޓަށް ހުށަހަޅާ ޑްރާފްޓުގައި ބުނެފައިވެ އެވެ.

ސީރިއާގެ ފަސް އަހަރުވީ ހަނގުރާމަ ހުއްޓާލުމަށް މިހާތަނަށް ކުރި މަސައްކަތުން ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ހަލަބަށް ދޭ ހަމަލާތައް ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން އަށް ގަޑިއިރަށް ހުއްޓާލުމަށް ރަޝިޔާ އިން އެއްބަސްވެފަ އެވެ.