30 ޖޫން 2020 - 14:31

ދުނިޔޭގެ ވިޔަފާރި މަޖައްލާ، ފޯބްސް އިން ހޮވާ މެދު އިރުމަތީގެ އެންމެ ގަދަ 100 ކުންފުނީގެ ތެރޭގައި އުރީދޫ ގްރޫޕް ހިމެނިއްޖެ އެވެ.
އުރީދޫ ހިމެނިފައިވަނީ މި ލިސްޓުގެ 25 ވަނައިގަ އެވެ. މި ކުންފުންޏަކީ ރާއްޖެ އާއި ސައުތު އީސްޓު އޭޝިއާ އާއި އުތުރު އެފްރިކާ އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކަކަށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
ފޯބްސް އިން ވަނީ ސަރަހައްދުގެ އެންމެ ބޮޑު ތިން ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރޭގައި ވެސް އުރީދޫ ހިމަނައިފަ އެވެ. ފޯބްސްއިން މި ކެޓަގަރީގައި އުރީދޫ ފީޗާކޮށްފައިވަނީ އެކުންފުނީގެ ވިޔަފާރި 8.2 ބިލިއަން ޑޮލަރަށް އަރާފައިވާތީ އެވެ. ފޯބްސް އިން ބުނެފައިވާ ގޮތުގައި އުރީދޫ ގްރޫޕުގެ މުޅި ފައިދާ އަކީ 611 މިލިއަން ޑޮލަރެވެ.
އުރީދޫ ގްރޫޕުގެ ސީއީއޯ ސައުދު ބިން ނާސިރު އަލްޘާނީ ވިދާޅުވީ ފޯބްސްގެ ގަދަ 100 ކުންފުނީގައި އެ ކުންފުނި ހިމެނުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި 1949 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ކުންފުނިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވުމަކީ މި ލިސްޓުން ޖާގަ ލިބުނު ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ އެކި ގައުމުތަކުގައި އަޅުގަނޑުމެންގެ ޓީމުތަކުން އަންނަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން. ޑިޖިޓަލް ގޮތުންނާއި އީޖާދީ ސޮލިއުޝަންތައް ބޭނުންކޮށްގެން އެންމެ ޒަމާނީ ހިދުމަތްތައް ދިނުމުގައި އަޅުގަނޑުމެންގެ ކުންފުނި ވަނީ ބޮޑެތި ކާމިޔާބީތައް މިހާތަނަށް ހާސިލް ކޮށްފައި،" ސީއީއޯ ވިދާޅީވި އެވެ.
ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އަންނަ ހީނަރުކަމާއެކު ވެސް އުރީދޫ ގްރޫޕުގެ ވިޔަފާރި ހަރަކާތްތައް ރަނގަޅުކަން ވެސް ފޯބްސް އިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މިހާލަތުގައި ވެސް އެ ކުންފުނީގެ އެސެޓް 24.2 ބިލިއަން ޑޮލަރަށް އަރާއިރު ކުންފުނީގެ މާކެޓް ވެލިޔު 5.2 ބިލިއަން ޑޮލަރަށް އަރައެވެ.