21 އޮކްޓޯބަރ 2016 - 06:28

އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވުމުން އެންމެ ނުރަނގަޅު އަސަރުތަކެއް ކޮށްފައިވަނީ ހިންދީ ފިލްމު އިންޑަސްޓްރީއަށެވެ. ޚާއްސަކޮށް އޮކްޓޯބަރު 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އަށެވެ.
ފިލްމަށް ކުރިމަތިވަމުންދިޔަ މައްސަލަތައް ބޮޑުވެ ފިލްމު ނާޅުވަން ކަރަން ޖޯހަރް ވިސްނަމުން ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ. ނަމަވެސް އޭނާއަށް ތާއީދުކުރާ ގިނަ ބައެއްގެ އެދުމާ އެކު، ކަނޑައެޅިފައިވާ ތާރީޚުގައި ފިލްމު ރިލީޒްކުރަން ކަރަން ވަނީ ނިންމާފަ އެވެ.
މި ފިލްމު އެޅުވުމާ ދެކޮޅުހަދާ މީހުންގެ މައްސަލައަކީ ޕާކިސްތާނު އެކްޓަރު ފަވާދު ޚާން އެ ފިލްމުގައި އުޅުމެވެ. އެހެންވެ އެކަމަށް ވެސް ކަރަން އަށް ވީވަރަކުން މިހާރު ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި ފަވާދު ކުޅެފައިވާ ބައިތަކުން ވަރަށް މަދު މަންޒަރެއް ނޫނީ އެއްކޮށް ކަހަލަ ގޮތަކަށް ފިލްމުން ފޮހެލާފައިވާ ކަމަށްވެ އެވެ. މި ފިލްމުން ފަވާދު ކުޅެފައިވާ ރޯލު އެއްކޮށް ފޮހެލެވެން ނެތީ އެ ރޯލާ ފިލްމުގެ ވާހަކަ ފުރިހަމަ ނުވާތީ އެވެ.
ފަވާދު މި ފިލްމުގައި ކުޅެނީ އަނުޝްކާގެ ފިރިމީހާ ނުވަތަ ލޯބިވެރިޔާގެ ބައެވެ. އެހެންކަމުން އެ ބައި ނެތިއްޖެ ނަމަ ފިލްމުގެ ވާހަކަ ހަމަނުޖެހި މުޅިން ބޭކާރު އެއްޗަކަށް ވާނެ އެވެ.
ފިލްމުގައި ފަވާދުގެ ކެރެކްޓާއަކީ ޕާކިސްތާނު މީހެއް ކަމަށް ކުރިން ދެއްކިޔަސް މިހާރު އެއީ ވެސް އިންޑިއާ މީހެއްގެ ގޮތަށް ފިލްމުގެ ވާހަކަ އަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
މިހާރު އޮތް ގޮތުން ފަވާދު ފިލްމުން ފެންނާނީ ހަމަ ވަރަށް ކުޑަ ހިނދުކޮޅަކަށެވެ. ނަމަވެސް އެވަރުން ވެސް ފިލްމާ ދެކޮޅުހަދާ ސިޔާސީ ފަރާތްތަކުން ގޮތްދޫކުރާ ގޮތެއް ނުވެ އެވެ.
މި ފިލްމު ރިލީޒްކުރުމާ އެންމެ ބޮޑަށް ދެކޮޅުހަދާ އެމްއެންއެސް ޕާޓީން އެންމެ ފަހުން ވެސް ބުނެފައިވަނީ ފިލްމު މަނާކުރަން އެމީހުން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ފިލްމު އަޅުވައިފި ނަމަ މަލްޓިޕްލެކްސްތައް ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު އެ ޕާޓީން ވަނީ ދީފަ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރިޔަ ނުދޭން ހަމަނުޖެހުން ހިންގާ ފަރާތްތައް ހުއްޓުވައި ސިނަމާތަކުގެ ސެކިއުރިޓީ ބަލަހައްޓާނެ ކަމުގެ ޔަގީންކަން މުމްބައި ޕޮލިހުން ކަރަން ޖޯހަރަށް ދީފައިވެ އެވެ.
އަދި ކަރަން އާއި ބޮލީވުޑްގެ އެހެން ބައެއް ޕްރޮޑިއުސަރުން އިންޑިއާގެ ހޯމް މިނިސްޓަރާ ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް މިހާރު މި ތިން ތަރިން ވަރަށް ފޯރީގައި ކުރިއަށް އެބަގެންދެ އެވެ. އެގޮތުން އިއްޔެ މި ތިން ތަރިން ވަނީ ސޮނީ ޓިވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ބައިވެރިވެ ފިލްމު ޕްރޮމޯޓްކޮށްފަ އެވެ. މި ނޫނަސް ވަރަށް ގިނަ ރިއަލިޓީ ޝޯތަކުން ކުރިޔަށް އޮތް ހަފުތާ ތެރޭ މި ތިން ތަރިން ފެންނާނެ އެވެ.
"އޭ ދިލް ހެ މުޝްކިލް" އަކީ 50 ކްރޯޑު (500 މިލިއަން ރުޕީޒް)ގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށްވާތީ މި ފިލްމު ރިލީޒްކުރުމުގައ ހުރަސްތައް ކުރިމަތިވެއްޖެނަމަ ކަރަންގެ ދަރްމާ ޕްރޮޑަކްޝަން އަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ އެވެ.