30 ޖޫން 2020 - 11:31

ބޯކޮށާ ތަންތަނާއި ސެލޫންތައް އަލުން ހުޅުވާ އިރު އަމަލުކުރަން ޖެހޭ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ އާންމުކޮށްފި އެވެ.
"ކޮވިޑް-19 އާ ގުޅިގެން ބޯކޮށާ ތަންތަނާއި ސެލޫންތައް އަމަލުކުރަންވީ ގޮތުގެ އުސޫލު" މި އާންމު ކުރީ، މާދަމާ އިން ފެށިގެން އެ ތަންތަން އަލުން ހުޅުވާ ގޮތަށް ސަރުކާރުން ހަމަޖައްސާފައި ވަނިކޮށެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ސެލޫންތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އެޗްޕީއޭ އިން އެންގީ މިދިޔަ މާޗު މަހު އެވެ.
ސެލޫންތައް އަލުން ހުޅުވާ އިރު، އެތަނުގެ މުވައްޒަފުން ތިބެން ޖެހޭނީ މާސްކު އަޅައިގެން ކަމަށް އެޗްޕީއޭ އިން އަންގައިފައި ވެ އެވެ. މޭކަޕް ކުރާ އިރު ބޭނުން ކުރަން ޖެހޭނީ ޑިސްޕޯސަބަލް ތަކެއްޗެވެ. އަލުން ހުޅުވާ އިރު، ގައިދުރުކުރުމާއި ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައި ވެ އެވެ.
- މުވައްޒަފުންނާއި ކަސްޓަމަރުންގެ ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުން
- ކޮވިޑް-19 ގެ އަލާމާތްތަކާއި އެ ބަލިން ރައްކާތެރިވާން އަޅަން ޖެހޭ ފިޔަވަޅުތައް ފެންނަ ގޮތަށް ތަނުގައި ބެހެއްޓުން
- ވެއިޓިން އޭރިއާގައި ތިބޭ މީހުން ތިން ފޫޓު ދުރުމިން ބެހެއްޓުން
- ކޮވިޑް-19 ގައި އަލާމާތްތައް ހުންނަ މީހުންނަށް ހިދުމަތް ނުދިނުން
- ޑިސްޕޯސަބަލް ތަކެތި މޭކަޕް ކުރުމުގައި ބޭނުންކުރުން
- ޑިސްޕޯސަބަލް ތަކެތި ބޭނުން ނުކުރެވޭ ނަމަ ދެވަނަ ފަހަރަކަށް ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ޑިސްއިންފެކްޓް ކުރުން
- ކަސްޓަމަރުންނަށް ހިދުމަތްދޭ އިރު ބޭނުންކުރާ އޭޕްރަން އާއި ފޮތިގަނޑު އަދި ތުވާލި ފަދަ ތަކެތި ދެވަނަ ފަހަރަކަށް ބޭނުންކުރުމުގެ ކުރިން ދޮވެ ސާފުކުރުން
- ކަސްޓަމަރުންނަށް ގާތުން ހިދުމަތްދޭ ނަމަ ފޭސް ޝީލްޑް އާއި އަންގި ބޭނުންކުރުން
- ކޭޝްލެސް ކޮށް ބިލް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން
- ކަސްޓަމަރުންނަށް ފަސޭހައިން އަތްދޮވެ، ސެނިޓައިޒް ކުރެވޭނެ ގޮތް ހަމަޖެއްސުން
- ސެލްފް ސާވިސް ކޮފީގެ ހިދުމަތް ދޭ ނަމަ ޑިސްޕޯސަބަލް ތަށި ބޭނުންކުރުން
މީގެ އިތުރުން ކޮންމެ ކަސްޓަމަރަކަށް ހިދުމަތް ދިނުމަށް ފަހު އެ މީހަކު އިށީންނަ ގޮނޑި އާއި އެ ސަރަހައްދު ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ވެސް އަންގާފައި ވެ އެވެ. އަދި ކަސްޓަމަރުންނަށް އެޕޮއިންޓްމެންޓް ދިނުމުގައި ސާފުކުރުމަށް ވަގުތުލާފައި އެޕޮއިންޓްމަންޓް ދޭން ވެސް އިލްތިމާސްކޮށްފައި ވެ އެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ކެފޭތަކާއި ރެސްޓޯރަންޓް އަދި ސެލޫންތަކާއި ޖިމްތައް ބަންދުކުރި އެވެ. ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ކަސްޓަމަރުންނަށް ދިއުމުގެ ހުއްދަ ވެސް މާދަމާ އިން ފެށިގެން ދޭނެ އެވެ. ސަރުކާރުން އަންނަނީ އާ އުސޫލްތަކަކާ އެކު ވިޔަފާރިތައް އަލުން ހިންގަން ހުއްދަ ދެމުންނެވެ.