ލަބާނާއި އިތުރު ބަޔަކު ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފްކޮށްފި
ލަބާނާއި އިތުރު ބަޔަކު ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފްކޮށްފި

މިދިޔަ އަހަރު މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު ލަބާން ޝަރީފާއި އިތުރު ބަޔަކު ޖަލަށްލާން ކުރި ހުކުމް އެ މީހުންގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.

އެ މުޒާހަރާގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، އޭނާއަށް ހަމަލާދިން މައްސަލާގައި ލަބާންގެ އިތުރުން އިތުރު ފަސް މީހަކު ޖަލަށްލާން ހުކުމްކުރި އެވެ. އެއީ ލ. މަގު އެއްގަމުގޭ ނާސިރާ އަލީ އާއި ތ. ގުރައިދޫ ރޯޒްވިލާ އަހުމަދު އިބްރާހިމާއި ގ. ބްލޫވޭވް ފަރުހަތު އަލީ އާއި ގ. ކީމަ އަބްދުﷲ ރަޝީދު މުހައްމަދާއި ގދ. ގައްދޫ ނީލޯފަރުމާގޭ އުމަރު ޒާހިރެވެ.

އެ މީހުން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރީ ލަބާނާއި ނާސިރާ އާއި ފަރުހަތުގެ އިތުރުން އުމަރު ޒާހިރުގެ ފަރާތުންނެވެ. ބާކީ ތިބި ދެ މީހުންގެ ފަރާތުން މައްސަލަ އިސްތިއުނާފް ކުރިކަމެއް އަދި ނޭނގެ އެވެ.

އެ ފުލުސް މީހާއަށް މީހުން އަނިޔާ ކުރަމުން ދިޔައިރު އޭނާގެ ގައިގައި ހެލްމެޓަކުން ޖެހި މީހެއްގެ މައްޗަށް ވެސް ހަތް އަހަރުގެ ހުކުމެއް ކޯޓުން ކުރިން ވަނީ އިއްވައިފަ އެވެ. އެ މައްސަލަ ކުރިން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަށައިފަ އެވެ.