01 ޖުލައި 2020 - 07:47

ކޮވިޑް-19އާ ފެތުރޭތީ އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ ހެދި ސިނަމާތައް ބަންދުކުރަން ޖެހުމުން ރިލީޒްކުރުން ފަސްކުރި އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އާއި ރަންވީރު ސިންގްގެ "83" މި އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފި އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ކުރިން މިދިޔަ މާޗް މަހުގެ 24 ގައި ރިލީޒްކުރަން ތާވަލުކުރި "ސޫރިޔާވަންޝީ" ސިނަމާތަކަށް ގެންނާނީ ނޮވެމްބަރު މަހުގެ ތެރޭގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލް ގަ އެވެ. ދިވާލީ އަކީ އިންޑިއާގައި ނޮވެމްބަރު މަހުގެ މެދު ތެރޭގައި ފާހަގުކުރާ ފެސްޓިވަލެކެވެ.
މިދިޔަ އެޕްރީލް މަހުގެ 24 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް "83" ރިލީޒްކުރާނީ ޑިސެމްބަރު މަހުގެ ފަހުކޮޅު ފާހަގަކުރާ ކްރިސްމަސްގަ އެވެ. އެހެންވެ އެ ފިލްމު ރިލީޒްކުރާނެ ކަމަށް މިހާރު ބެލެވެނީ އާމިރު ޚާންގެ "ލާލު ސިންގް ޗައްޑާ" ރިލީޒްކުރަން ނިންމާފައި އޮތް ތާރީހު ކަމަށްވާ ޑިސެމްބަރު މަހުގެ 25 ގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އާމިރުގެ ފިލްމުގެ ޝޫޓިން ވެސް ނިމިފައި ނުވުމާއި އޭގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ހުރުމާ އެކު، އެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވެ އެެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް ކަށަވަރަރެއް ނުވެ އެވެ.
ތަރަން ބުނިގޮތުގައި "ސޫރިޔާވަންޝީ" އާއި "83" އަކީ އިންޑިއާގެ ސިނަމާތައް ހުޅުވުމާ އެކު، އެންމެ ފުރަތަމަ ސިނަމާތަކަކަށް ގެންނާނެ ބޮލީވުޑްގެ ދެ ފިލްމެވެ
މި ދެ ފިލްމަށް ބަލާ އިރު "ސޫރިޔާވަންޝީ" އަކީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކެއިފެވެ. "83" އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ.
މި ދެ ފިލްމު އިންޑިއާގެ ސިނަމާތަކަށް އަލުން ދިރުން ގެނެސްދޭނެ ދެ ފިލްމަށްވެފައިވާ އިރު، ވަރަށް ގިނަ ފިލްމުތަކެއް މިހާރު ވަނީ ޑިޖިޓަލްކޮށް ޕްރިމިއާކުރަން ވެސް ނިންމައިފަ އެވެ. އޭގެ ތެރޭގައި އަކްޝޭގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ ބޮމް" ވެސް ހިމެނެ އެވެ. އެ ފިލްމު ރިލީޒްކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގަ އެވެ.