20 އޮކްޓޯބަރ 2016 - 14:14

ލަސް ވެގާސް (އޮކްޓޯބަރު 20) - އެމެރިކާގައި އަންނަ މަހު އޮންނަ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެކަން ބައްޕަ ގަބޫލް ކުރައްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ފަހު ބަހުސްގައި ޓްރަމްޕް ރޭ ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރާނެ ކަމަށް ވިދާޅުވުމަށް ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް ޓައިމް މަޖައްލާ އަށް އިވާންކާ ދެއްވި އިންޓަވިއުގައި ވިދާޅުވީ ނޮވެމްބަރު 8 ވަނަ ދުވަހުގެ އިންތިޚާބުން މޮޅުވިއަސް އަދި ބަލިވިއަސް އެކަން އޭނާގެ ބައްޕަ ގަބޫލް ކުރައްވާނެ ކަމަށެވެ. އަދި ހިލަރީ މޮޅުވެއްޖެ ނަމަ އެކަމަނާ އަށް މަރުހަބާ ވިދާޅުވާނެ ކަމަށް ވެސް އިވާންކާ ވިދާޅުވި އެވެ.
"މި އިންތިޚާބުން ބައްޕަ ކާމިޔާބު ހޯދާނެ. އެ ނޫން ނަތީޖާއަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޝައުގުވެރި ކަމެއް ނެތް. އަދި ބައްޕަ އަބަދުވެސް ކުރާނީ ރަނގަޅު ކަންތައް. އެއީ ބައްޕަގެ ގޮތަކީ ވެސް،" އިވާންކާ ވިދާޅުވި އެވެ.
އިވާންކާ ވިދާޅުވީ އޭނާގެ ބައްޕަގެ ޝަޚުސިއްޔަތު އޮޅުވާލާފައި ވަނީ މީޑިއާ ކެމްޕޭނެއްގެ ސަބަބުން ކަމަށެވެ.
އިންތިޚާބުގައި މަކަރު ހަދާ ނަތީޖާ އޮޅުވާލާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ވާހަކަތާ ގުޅިގެން އިވާންކާ ވިދާޅުވީ އެކަމުގައި ވެސް މީޑިއާ އިން ނުބައި ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.