21 އޮކްޓޯބަރ 2016 - 06:22

ފިލްމް ބަލާ މީހުންގެ ތެރޭގައި ފާތުމަތު ނަހުލާ މީގެ ކުރިން މަޝްހޫރީ ބެލުންތެރިން ހިތްދަތި ކުރުވައި، ރޮއްވާލަން ކުޅަދާނެ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނާ މީގެ ކުރިން ގެނެސްދިން މެލޮޑްރާމާތަކާ އެކު އެކަން އޮތީ ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށް ދީފަ އެވެ.

އެކަމަކު ނަހުލާގެ ސިނަމާއާ މުޅިން ބީރައްޓެހި ޖޯންރާއަކާ އެކު އަށް އަހަރަށް ފަހު ބޮޑު ސްކްރީނަށް މިއައީ ބެލުންތެރިން ބިރުން ފިތްކަނޑުވަމުންނެވެ. އޭނާގެ 4426 (ފޯފޯޓޫސިކްސް) އަކީ ކުރިން ބެލުންތެރިން ހީކުރި ގޮތަކަށް އާދައިގެ ފިލްމެއް ނޫނެވެ. އަދި އާދައިގެ ބިރުވެރި ފިލްމެއް ވެސް ނޫނެވެ.

ނަހުލާ މި ވަނީ އޭނާއަކީ ކޮންމެ ވައްތަރެއްގެ ފިލްމެއް އޭގެ އެންމެ ފުންމިނުގައި ހެދިދާނެ ޑައިރެކްޓަރެއްކަން ސާބިތުކޮށް ދީފަ އެވެ. ބެލުންތެރިން "4426" ގެ އަވާގައި ޖެހުނީ އޭނާގެ ޓީމުން ކޮށްފައި ހުރި އާދަޔާހިލާފު މަސައްކަތުންނެވެ.
މިހާރު ނަހުލާގެ އަމާޒަކީ 2008 ގައި ޑައިރެކްޓް ކުރި "ޔޫސުފް" އޮލިމްޕަހުގައި 50 ޝޯ ދައްކައިގެން ހެދި ރެކޯޑް "4426" އާ އެކު މުގުރާލުމެވެ.
އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކުރި ބުރަ މަސައްކަތް އާންމުން ބަލައިގެންލެއް ފުރިހަމަކަން. 4426 އަކީ އާންމުނަށް ހަނދާނައްތާލަން ދަތި ފިލްމަކަށް ވީކަން.
އަޅުގަނޑު ބޭނުންވީ ތަފާތު އެއްޗެއް ހަދަން. އަބަދުވެސް މަސައްކަތް ކުރަން އަޅުގަނޑުގެ އެއް ފިލްމްގެ ރެކޯޑް އަނެއް ފިލްމުން މުގުރާލަން. ޔޫސުފްގެ ރެކޯޑް މުގުރާލެވޭނީ މި ވަރުގެ މަސައްކަތަކުން. އަސްލު ފިލްމު ހިނގަނީ ވަކި ޖޯންރާއެއްވެގެނެއް ނޫން. އަދި ލަވަ ހުންނާތީއެއް ވެސް ނޫން. އަބަދު ވެސް އަޅުގަނޑު ބުނާއެއްޗެއް އަސަރުތައް އެންމެ ފުރިހަމައަށް ގެނެސް ދެވިއްޖެއްޔާ ފިލްމެއް މީހުނަށް ކަމުދާނޭ.
ފިލްމް ބަލާލީމަ ވެސް އިނގޭނެ މި ފިލްމަކީ ބުރަ މަސައްކަތެއްކަން. އެ މަސައްކަތް އެކަނި ނުކުރެވޭނެ އެކަކަށް ވެސް. ތަންކޮޅެއް ޒިންމާދާރު ކަމާއެކީގަ މަސައްކަތް ކުރާނެ އިތުރު ބަޔަކު މިއަށް ބޭނުންވޭ. ޓެކްނިކަލް ގިނަ މަސައްކަތް ތަކެއް އިންވޯލްވާ ފިލްމެއް މިއީ. މުޅި ފިލްމްގެ ހުރިޙާ ކަމެއް ރޭވުމަކީ ވެސް މި ފިލްމުގަ އާދައިގެ ކަމެއް ނޫން.
އަޅުގަނޑަކީ މި މަސައްކަތުގަ ވަރަށް ސްޓްރިކްޓް އުސޫލުތަކެއް ގެންގުޅޭ މީހެއް، އަދި ވަރަށް ހަލުވި، ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެއް. އަޅުގަނޑު ބޭނުން ވާނީ އަޅުގަނޑުގެ ސްކްރީންޕްލޭގައި އޮންނަ ގޮތަށް ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގަން. އަޅުގަނޑު ޝޮޓްތައް ކުރަހާފައި އޮންނަ ގޮތަށް ހުރިހާ ޝޮޓްތައް ނަގަން. ލިޔުނު އިރު ސިފަ ކުރި ގޮތަށް އެކްޓިންތައް ހުންނަން. ޝެޑިއުލް ކުރެވޭ ވަގުތަށް ޝޫޓިން ފެށެން އަދި ގަޑިއަށް ނިމެން. އަޅުގަނޑާއެކީގައި މަސައްކަތް ކުރުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން. ޝިނާނަށް އަޅުގަނޑާއެކީ ހިފަހައްޓާލެވުނީ ޝިނާންގެ ކެތްތެރިކަމުންހެން ހީވަނީ. އެހެން މީހަކާ ޑައިރެކްޝަން ޝެއާ ކުރަންޏާ ޝިނާނަކީ ހަމަ ޕާފެކްޓް ޗޮއިސްއެއް.
ޑައިރެކްޓަރެއްގެ ގޮތުގަ ޝިނާން އެ މަސައްކަތް ކުރީ އަލަށް. އަދި ޝިނާނަކީ އަޅުގަނޑާ ބަލާފައި އުމުރުން ވެސް ޖޫނިއާ ޑައިރެކްޝަން އަށް ވެސް ވަރަށް ޖޫނިއާ ކުއްޖެއް. އަޅުގަނޑުގެ ހުރިހާ ހިޔާލަކަށް ޝިނާން ރެސްޕެކްޓް ކުރޭ. ޝިނާން މަސައްކަތްކުރީ އަޅުގަނޑު ބޭނުންވާ އެތި ނެރުމަށްޓަކައި އަޅުގަނޑަށް އެހީވެދީގެން. އެގޮތުން ޝިނާނާ އެކީ މަސައްކަތް ކުރަން ވަރަށް ފަސޭހަ. އަޅުގަނޑުގެ ކްރިއޭޓިވިޓީ ގެއްލޭ ގޮތަށް މަސައްކަތް ކުރާކަށް އަޅުގަނޑުގެ ފިލްމްގަ މަސައްކަތް ކުރާ އެކަކު ވެސް ބޭނުމެއް ނުވާނެ އަސްލު. އެއީ އެ މީހުނަށް ވެސް ގަބޫލު ކުރެވޭނެ އަޅުގަނޑު ވަރަށް ވިސްނައިގެން ވަރަށް ކުރީއްސުރެ ރާވައިގެން މަސައްކަތް ފަށާ މީހެއްކަން. އެކަން ބަދަލު ވެއްޖެއްޔާ ގެއްލުންވާނީ ފިލްމަށް. އަޅުގަނޑުގެ ކްރިއޭޓިވް މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް އައީ ޝިނާންގެ ސަބަބުން.
4426 އަކީ ވަރަށް ގިނަ މަސައްކަތް. ވަރަށް ރޭވިގެން ކޮންމެ މަސައްކަތެއް ވެސް ކޮށްފައި ހުންނާނީ. ކޮންމެ މަންޒަރެއް ކޮންމެ ޝޮޓެއް ވަކިވަކިން ލިއެ ކުރެހުމަށް ފަހު ޝޫޓިން ފެށީ ވެސް. އަޅުގަނޑު ސްކްރީންޕްލޭ ލިޔަމުންދާ އިރު ވިސްނަން ހުރިހާ އެއްޗަކަށް އެންމެ ކުޑަމިނުން އެއަށް އަޅަން ވީ މިއުޒިކު ކޮޅު އިންނާނެ ގޮތް ވެސް އަޅުގަނޑުގެ ސިކުނޑީގަ އިންނާނެ.
އެންމެ ބޮޑަށް ވިސްނަން ޖެހުނީ އެއް ތަނެއްގައި އެއްބަޔަކު ތިބޭއިރު ބަލާ މީހުން ކިރިޔާ ވެސް ފޫހި ވިޔަ ނުދީ ފިލްމު ކުރިއަށް ގެންދެވޭނެ ގޮތަކާ ދޭތެރޭ. ބޭނުންވީ ބަލާ މީހުން ކަޅި ޖަހާނުލާ ބަލަން ތިބެން. އެ ފެންވަރަށް ރޭވުނީ ވަރަށް ވިސްނައިގެން.
އޭގެ އިތުރުން ވަރަށް ރިސާޗް ކުރިން. އެކަން ދިމާވެފަ ތިބި މީހުނާ ވާހަކަ ދައްކާ ހަގީގީ ހާދިސާތައް ދެނެގަތީން. އަދި ރުގްޔާ ކުރާނެ ގޮތް ވަރަށް ތަފްސީލްކޮށް ދަސް ކުރިން. މިއީ ފަސޭހަ ކަމެއް ނޫން.
މި ފިލްމަކީ ބޮޑު ބަޖެޓަކުން ހެދި ފިލްމެއް ކަމަށް ބުނާއިރު މީހުން ބުނޭ މީ އެއްގެއެއްގެ ތެރޭގަ އެއް ކޮސްޓިއުމްތަކެއް ލައިގެން ކުޅުނު ފިލްމްކަށް ވާތީ ކިހިނެއްހޭ ބަޖެޓް އެހާ ބޮޑުވާނީ.
ފިލްމުން އެ ފެންނަނީ ކުރިން އެގެ ހުރި ގޮތެއް ނޫން. އެތަން އޮތީ މީހުންނަށް ވަދެ ނުކުމެވޭ ވަރަށް ވުރެ ހަޑިވެފައި އެތަން އޮތީ. ކޮތަރު ނަޖިސް އެކަނި ވެސް އަޅުގަނޑުމެން އެތަނުން ނެރުނީން ބޮޑު ދެ ލޮރީގެ.
އިމާރާތުގެ ތަންތަން ތަޅާ މަރާމާތުކޮށް މުޅި ތަން އެއޮތީ އަޅުގަނޑު ބޭނުން ވާ ގޮތަށް ބަދަލުކޮށްފައި. އެކި ބުރި އެކި ގޮތަށް އެކި ކުލައަށް ބަދަލުކޮށްފައި. ބައެއް ޑެކްތަކާ ސީލިންތައް ވެސް އެކީ ބަދަލުކޮށްފައި ހުންނާނި. ތަނުން ފެންނަ ކޮންމެ އެއްޗަކީ، އެއީ ފަރުނީޗަރަކަސް ލައިޓަކަސް ލަކުނޑި ގަނޑަކަސް، ފީފާއަކަސް އެއީ ހަމަ އަޅުގަނޑުމެން ގަނެގެން ވައްދާފައި ހުރި ތަކެތި. ކޮސްޓިއުމަށް ބަލާއިރު އެއް ހެދުމެއްގައި ފެނުނަސް ކޮންމެ މީހަކަށް އެއް ވައްތަރެއްގެ އެތައް ކޮސްޓިއުމެއް ހޯދިން.
ނުހެދޭނެ. އެއީ ޔަގީން ކަމެއް. ފުރަތަމަ ކަމަކީ މިހާ މަސައްކަތް ކުރަން ކެރޭ މީހުން ރާއްޖޭގައި ވަރަށް މަދު. އަދި މިކަހަލަ ސްކްރިޕްޓެއް ތައްޔާރު ކުރުން އެއީ ހަމަ ނުވާނެ ކަމެއް. އަޅުގަނޑާ ޝިނާނާ އެކީ މަސައްކަތް ކުރަމުން ދިޔަ އިރު ވެސް ޝިނާން އަދި އެހެން ބައިވެރިން ވެސް ނުވާނެ ކަމަށް ގަބޫލު ކުރި ކިތަންމެ ކަމެއް އަޅުގަނޑު ހުންނާނެ ކޮށްފައި. އަދި ކުރުވާފައި ވެސް. ސްޓާރުންނަށް އެވަރުގެ ރިސްކްތަކެއް ނަގަން ކެރުނީ އަޅުގަނޑު އެ މީހުން އެވަރަށް ޓްރެއިން ކުރުވައި އެމީހުނަށް ދިން ފިޒިކަލް އަދި މެންޓަލް ސަޕޯޓުން. އެހެން ފިލްމެއް ހަމަ މިކާސްޓުން ވެސް މިފެން ވަރަށް ނުކުރާނެ. ދެން އެކްޓިން އަށް ބެލިއަސް އެ މީހުންގެ އެކްޓިންތަކަކީ އަޅުގަނޑު އެމީހުންނަށް ބުނެދޭ ގޮތުން ގެނެވޭ އެކްޓިންތަކެއް.
އަޅުގަނޑުގެ ކޮންމެ ފިލްމެއްގައި ހުރިހާ ތަރީންގެ އެކްޓިން އަބަދުވެސް ރަނގަޅު ވަނީ އެހެންވެ. ކޮންމެ މީހެއްގެ ކެރެކްޓާއެއް ނެރޭ އިރު ވެސް އަޅުގަނޑު އެމީހެއްގެ ނެޗްރަލް ސެލްފަގަ ހުންނަ ގޮތާ ގުޅުވައިގެން އެ މީހެއްގެ ގައިގައި ހުރި އެއްޗެއް އެމީހެއްގެ ސްޓައިލްގައި ބޭރު ކުރަން ބުނެދެނީ. އެހެން ވީމަ އެހާ ރިއަލް ވަނީ.
އަނެއް ކަމަކީ މުޅި ޕްރޮޖެކްޓް މާސްޓަ މައިންޑް ކުރުން. އެއީ އެންމެ ބުރަ ކަންތައް. ފިލްމުގެ މުޅި ޕްލޭއާ އެކަން ކުރުމަށްޓަކާ އެވަގުތަކު ބޭނުންވާ ތަކެއްޗާ. އެހީ ހޯދަން ޖެހޭ މީހުންނާ. ނަގަން ޖެހޭ ޝޮޓާ ކުރަން ޖެހޭ އެކްޓިންނަށް ދަންދެން އިންނާނީ އަޅުގަނޑުގެ ސިކުނޑީގައި. އެކަން ޕޮސިބަލްކޮށް ދިނުމުގަ އެމީހެއްގެ ދައުރު އެމީހަކު އަދާކުރުން އެއީ އެހެން މީހުން ކޮށްދިން ކަމަކީ. އެކަން އެންމެން ވެސް ކޮށް ދީފަ ވަނީ ވަރަށް ފުރިހަމަ އަށް.
އެއީ އޯވަރޯލްކޮށް ފިލްމުގެ ހުރިހާ މަސައްކަތެއް އެހާ ފުރިހަމަވީމަ. ސްކްރިޕްޓުން ފެށިގެން ގޮސް ޕޯސްޓް ޕްރޮޑަކްޝަނާ ހަމައަށް. ސިނަމެޓޮގްރަފީ އަދި ޕޯސްޓް ޕްރޮޑަކްޝަން އެއީ ސިނާނުގެ ބުރަ މަސައްކަތް. މޭކަޕްތަކާ އިފެކްޓްސް ތައްވެސް އެހާ ރިއަލް.
ކޮންމެ މީހަކު ވެސް މި ފިލްމުގައި މަސައްކަތް ކޮށްފައި ހުރީ އެ މީހެއްގެ ހުރި އެންމެ ބެސްޓް ނެރެދޭން. ޝިނާނާ އަޅުގަނޑާ ދެ މީހުންގެ ބައި އެއްވީމަ އަސްލު މިހާ ފުރިހަމަވެގެން މި އުޅެނީ. އަޅުގަނޑު ކުރިން ދެންނެވިހެން މީ ހަމަ އެކަނި ބިރުވެރި ފިލްމެއް ނޫން. ހުރިހާ ރަހަތަކެއް މީގެން ފެނިގެން ދާނެ. ލޯތްބާއި އުފާވެރިކަން. މަޖަލުގެ ތެރޭން ގޮސް ބިރުވެރި ކަމަށް. ބައެއް ހިސާބުތަކުގައި އެންމެން ހޭނެ. ބައެއް ފަހަރު އޯޑިއަންސް ހަޅޭއްލަވާނެ. ބޮޑު ބައިގައި އޯޑިއަންސް ތިބޭނީ ހިމޭނުން އަޑުއަހަން، ބަލަން، އެކަމު ސިހި ސިހި.
ފިލްމުގެ ވާހަކައިގައި ސަސްޕެންސް ހިފެހެއްޓިފައި ހުރި ގޮތް މީހުނަށް އެންމެ ކަމުދަނީ. ފިލްމް ނިމިގެން ގޮސް ޓައިޓްލްތައް ވަކި ހިސާބަކަށް ދަންދެން ގޮނޑިން އެންމެ މީހަކު ވެސް ނުތެދުވެ ބަލަން އެބަ ތިބޭ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް.
ވަރަށް ބުރަ މަސައްކަތެއް ކޮށް ނިންމާލީ މި. ދެން ކުޑަ ރެސްޓަކަށް ފަހު ބޮޑު މަސައްކަތެއް ފެށޭވަރު ވާނީ.
މަންޖެ ފިލްމަކަށް ހެދުމަކީ މި މަސައްކަތަށް ވުރެ ވެސް ބުރަ މަސައްކަތަކަށް ވާނެ. އެއަށް މާ ބޮޑު ތައްޔާރީތަކެއް ވާން ޖެހޭނެ. މަންޖެ ފިލްމަކަށް ހެދުމުގެ ހިޔާލު އެބަ އޮތް.